ނެތި ފަނާވެ ދިއުމަށް އެތައް ސަތޭކަ އަހަރެއް ހޭދަވާ (ޕެޓް) ޕްލާސްޓިކް، ރެކޯޑް ހަލުވި މިނެއްގައި ނެތިކޮށްލާ އެންޒައިމެއް، ޖަރުމަނުވިލާތުގެ ސައެންސްވެރިން ދެނެގެންފިއެވެ.

މި ހޯދުމަކީ ޕްލާސްޓިކްގެ ތަޣައްޔަރުކަމުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެފައި ވާ މި ދަނޑިވަޅުގައި ލުބުނު ހެޔޮ ސިގުނަލެއް ކަމަށް ސިފަކުރެއެވެ.

ޕޮލީއެސްޓާ ހައިޑްރޯލޭޒް (ޕީއެޗްއެލް7)ގެ ނަންދީފައިވާ މި އެންޒައިމް ފެނިފައި ވަނީ ޖަރުމަނުވިލާތުގެ ގަބުރުސްތާނަކުންނެވެ. އެއަށްފަހު، ލެއިޕްޒިގް ޔުނިވަސިޓީގެ ސައެންސްވެރިން ވަނީ އެ އެންޒައިމް ލެބަށް ގެންގޮސްފައެވެ. ލެބަށް ގެންގޮސްގެން ބެލި ބެލުމުން، ޕޮލީއެތުލީން ޓެރެފްތަލޭޓް ނުވަތަ "ޕެޓް" ޕްލާސްޓިކްގެ 90 ޕަސެންޓް، އެންމެ 16 ގަޑިއިރުގެ ތެރޭގައި ނެތިކޮށްލާކަން ފާހަގަ ކުރިއެވެ.

ޕީއެޗްއެލް7 ގެ އެހީގައި ޕްލާސްޓިކް ނެތިކޮށްލުމަށް އިތުރު މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. ޕްލާސްޓިކް މުގުރުން ނުވަތަ ދިޔާކުރުމަކާ ނުލަވެސް އެ އެންޒައިމް ޕްލާސްޓިކް ކާލައެވެ.

މިއީ ޕްލާސްޓިކް "ކާ" ކަމަށް ދެނެގަނެވުނު ފުރަތަމަ އެންޒައިމެއް ނޫނެވެ. 2016 ވަނަ އަހަރުވެސް ޕެޓް ޕްލާސްޓިކް ކާ އެންޒައިމެއް، ޖަޕާނުން ވަނީ ފެނިފައެވެ. އެލްއެލްސީގެ ނަން ދީފައިވާ އެ އެންޒައިމަށް ވުރެ، ޖަރުމަނުވިލާތުގެ ސައެންސްވެރިން ހޯދި އެންޒައިމްގެ މަސައްކަތުގެ ދުވެލި، 2 ގުނަ އަވަސް ކަމަށް މައުލޫމާތު ލިބެއެވެ.