ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯ އިން ޓެސްޓް ކޮށްފިއެވެ.

ރޭ ސިނާއީ ސަރަހައްދުގައި ސިމެންތި ޓެސްޓުކޮށްފައިވާއިރު އެ ޓެސްޓު ކާމިޔާބުވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމުރު ވަނީ ވިދާޅުވެފައެވެ.

ތިލަމާލެ ބްރިޖުއަޅާ އިންޑިއާގެ އެފްކޮން އާއި އެސްޓީއޯއާއެކު މިމަހުގެ 14 ވަނަ ދުވަހު ވަނީ ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް އެސްޓީއޯއިން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ވަނީ އެ ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެ ކުންފިނިން ފުރިހަމަކޮށްފައެވެ. އަދި ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ ބޮޑު ޕްރޮޖެކްޓަކަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެސްޓީއޯ ވަނީ ފާހަގަކޮށްފައެވެ.

މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.