ކޮންމެ ގައުމެއްގެ އާބާދީގައިވެސް ހިމެނޭ އެންމެ ފަގީރު މެންބަރުންނަށް ހަކަތައާއި ކާބޯތަކެތި ސަބްސިޑައިޒް ކޮށްދިނުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައިފިއެވެ.

މި ދަނޑިވަޅަކީ ދިރިއުޅުމުގެ ޒަރޫރީ ހަރަދުތަކުގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖެއްސުމަށް، ބޮޑު ތަކުލީފުތަކަކާ މުޅި ދުނިޔެއަށްވެސް ކުރިމަތިލާން ޖެހިފައި ވާ ދަނޑިވަޅެކެވެ.

ބަލްގޭރިއާގެ އިކޮނޮމިސްޓް އަދި އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓާ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، އެހީ ފޯރުކޮށްދޭންވީ ވަކި އަމާޒުތަކެއް ކަނޑައަޅައިގެން ކަމަށެވެ. ވަކިން ހާއްސަކޮށް، ސީދާ މީހުންނަށް ސަބްސިޑީޒް ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ގިނަ ގައުމުތަކެއްގައި ސަރުކާރުން އެހީ ފޯރުކޮށްދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެއީ ފުދޭ މިންވަރެއް ނޫން ކަމަށް، ފާޑުކިއާ ފަރާތްތަކުން ވަކާލާތު ކުރެއެވެ.

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ކާރިސާއަށް ބަލާއިރު ހާއްސަ އަހަމިއްޔަތު ކަމެއް ދޭން ޖެހޭ 2 ދާއިރާއެއް އޮތް ކަން، ޖޯޖީވާ ވަނީ ފާހަގަ ކުރައްވާފައެވެ. ފުރަތަމަ ގިންތިއަކީ މުޖުތަމައުގައި ތިބި އިންތިހާއަށް ފަގީރު ހާލުގައި ވާ މީހުން ކަމަށާ، އެމީހުންނަކީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ މީހުން ކަމަށް ޖޯޖީވާ ފާހަގަ ކުރެއްވިއެވެ. 2 ވަނަ ގިންތިއަކީ ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައި ވާ ވިޔަފާރިތައް ކަމަށް އައިއެމްއެފްގެ އެމްޑީ ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ ފެންވަރުގައި އިގުތިސޯދު ހަމައަކަށް އަޅުވާ، ކުރިއެރުން ކަށަވަރު ކުރުމަށްޓަކާ ގައުމުތަކުގެ ސަރުކާރުތަކާއެކު މަސައްކަތް ކުރުމަކީ އައިއެމްއެފްގެ ދައުރެކެވެ. ނަމަވެސް ރެކޯޑް މިންވަރަކަށް ކަބޯތަކެތީގެ އަގުތައް އުފުލި، ތެލާއި ގޭހުގެ އަގުތައް ހަލުވި ދުވެލީގައި އުފުލެމުންދާ މި އަހަރު، އެކަން ހާސިލު ކުރުމަކީ އައިއެމްއެފްއަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ.