ސްޓެލްކޯގެ ޒަމާންވީ ގުޅުމާއި އިންޖީނިއަރުންނަށް ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވާޓްސިލާ ކުންފުނިން ތައުރީފުކޮށްފިއެވެ.

ސްޓެލްކޯއާއެކު އޮތް ޒަމާންވީ ގުޅުން ފާހަގަކޮށް ވާޓްސިލާ ނެރުނު ނޫސްބަޔާނެއް ބުނީ ވަޓްސިލާގެ ޖަނަރޭޓަރުސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައިވަނީ 1990 ވަނަ އަހަރުގައި މާލޭ އިންޖީނުގެއަށް ކަމަށެވެ. އަދި މި ޖަނަރޭޓަރުސެޓްތައް މިއަދާހަމައަށްވެސް ބޭނުންކުރެވެމުން ދާކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ވާޓްސިލާއިން ރާއްޖެއަށް 1990 ގައި ފޮނުވި 2 ޖަނަރޭޓަރުސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު 6 ޖަނަރޭޓަރުސެޓެއް ގެނެސްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީ ވެސް ވާޓްސިލާގެ 6 ޖަނަރޭޓަރު ސެޓްކަން އެކުންފުނިް ވަނީ ފާހަގަކޮށްފައެވެ. އެއާއެކު ވަރޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100މެގަވޮޓަށް އަރާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފްސައިކަލް ސަރވިސަސްގެ ހިދުމަތުގެ ދަށުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ދެމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ވާޓްސިލާގެ އެންމެފަހުގެ އުފެއްދުންކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ބޭނުން ކުރަމުންދާ ކަމަށެވެ. މިއީ ޖަނަރޭޓަރުސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ. އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ކަމަށް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، 1990 އަހަރު ބޭނުންކުރަންފެށި ޖަނަރޭޓަރުސެޓްތަށް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށާއި، ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެފައިވާ، އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވަރޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ، ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދިމެގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި، 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަން ކަމަށެވެ. އަދި ވަޓްސިލާ ގުރޫޕްގެ އުއްމީދަކީ އެކުންފުންޏާއި، ދިވެހި ސަރުކާރާއި، ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައި ވެސް މިގޮތުގައި ދެމިއޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުނިކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން އިންޖީނިއަރިން ފީލްޑްގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

ވާޓްސިލާއަކީ ކަރީލިއާ (މިހާރުގެ ފިންލެންޑް އަދި ރަޝިއާގެ ސަރަހައްދުތައް ހިމެނޭ ގައުމެއް) ގައި 1834 ވަނަ އަހަރު ވަޑާމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ. އެކުންފުންޏަށް 180 އަހަރު ވެފައިވާއިރު އެކުންފުނިން 1959 ގައި ފުރަތަމަ ޖަނަރޭޓަރުސެޓް ވަނީ އުފައްދާފައެވެ. އަދި ބައިންލްއަގުވާމީ ގޮތުން ޖަނަރޭޓަރުސެޓްގެ ހިދުމަތްތައް 1970ގެ އަހަރުތަކުގެ ތެރޭގައި ވަނީ ފުޅާކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާޓްސިލާގެ އޮފިސްތަކުގައި ޔޫރަޕާއި އޭސިއާ އަދި އެމެރިކާ ހިމެނޭހެން 17،000 ވުރެން ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި އުފެއްދުން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.