ކަރަންޓު ސާމާނުގެ ފެންވަރު އާންމުންނަށް ދެނެގަނެވޭނެހެން އެންވަޔަރަމެންޓް މިނިސްޓްރީގެ "ހަކަތަރި" ލޭބަލް އެސްޓީއޯއިން ޖަހަން ފަށައިފިއެވެ.

އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައި މިކަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތައާރަފްކުރި "ހަކަތަރި" ލޭބަލްގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

މި ލޭބަލްއިން ގޭބީސީތަކުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އާލާތްތައް ކަމުގައިވާ އޭސީ ފްރިޖު އަދި ދޮންނަމެޝިނުން ގަޑިއަކު މަސައްކަތްކުރާ މިންވަރާއި އަހަރަކު ހަކަތަ ބޭނުންކުރާ މިންވަރު އެނގޭނެއެވެ. އަދި ފަސް ތަރީގެ މިންގަނޑަކުން އެ އުފެއްދުމެއްގެ ސަމަކާރަމިން ވެސް ފެންނަން ހުންނާނެއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ހަކަތަރި ލޭބަލް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް އަމާޒަކީ އާއްމުކޮށް ބޭނުންކުރާ ފްރިޖާއި އޭސީ ފަދަ ވަސީލަތްތަކަކީ އެންމެ ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރާ ވަސީލަތްތަކެއް ކަން ކަށަވަރުކުރުން ކަމަށާއި ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރުކުޑަކުރަން ކުރާ މަސައްކަތުގައި އެ ލޭބަލަކީ ވެސް ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ހަކަތަރި ލޭބަލް ޖަހާފައިވާ ކަރަންޓް ސާމާނަށް ބަދަލުވެވޭނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި ހަކަތަ ބޭނުންކުރާ މިންވަރު 147 މެގަވޮޓް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެސްޓީއޯއަކީ ހަކަތަރި ލޭބަލް ޖަހަންފެށި ފުރަތަމަ ފަރާތަށްވުމުން ހިތްހަމެޖެހޭ ކަމަށާއި ހަކަތަރި ލޭބަލް ޖަ، އެސްޓީއޯއިން ވިއްކާ އޭސީތަކުން ބޭނުންކުރަނީ 42 ޕަސެންޓް މަދު ހަކަތަ ކަމަށް ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.