އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާއަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ބޭސްވެރިކަމުގެ ސާމާނަށް ހާއްސަކޮށްގެން، 1.5 މިލިއަން ޑޮލަރު، ކުއްލި އެހީގެ ގޮތުގައި ޖަޕާނުން ފޯރުކޮށްދީފިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) މެދުވެރިކޮށް، ޖަޕާނުގެ ސަރުކާރުން ސްރީލަންކާއަށް ފޯރުކޮށްދެނީ އެންމެ ޒަރޫރީ ބޭސްވެރި ސާމާނަށް ބޭނުންވާ އެހީ ކަމަށް ހަބަރު ލިބެއެވެ.

ޖަޕާން ސަރުކާރުން ދޭ 1.5 މިލިއަން ޑޮލަރުގެ އެހީއާއެކު 1.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ބޭސްވެރިކަމުގެ ކަންކަން ހަމަޖެހޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި މިހާރުން މިހާރަށް އެހީ ބޭނުންވެފައި ތިބި 53000 އެއްހާ މާބަނޑު މީހުންނާއި، ގާތްގަނޑަކަށް 122000 ކުޑަކުދިން ހިމެނެއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ގައުމުގެ ހުރިހާ ހިސާބަކަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގައި މިވަގުތު ހުންނެވި ޖަޕާނުގެ އިސް އޮފިޝަލު ކަޓްސޫކީ ކޮޓާރޯ ވިދާޅުވީ، މި އެހީއަކީ ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ޔުނިސެފް މެދުވެރިކޮށް، 25 ބާވަތެއްގެ ބޭސް ގަތުމަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

ބޭރު ފައިސާގެ ރިޒާވް މުޅިންހެން ހުސްވެ، ގައުމު އިނދަޖެހިގެން ދިއުމާއެކު އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރި އެއް ދާއިރާއަކީ ސްރީލަންކާގެ ސިއްހީ ނިޒާމެވެ. އެކަށީގެންވާ ގޮތެއްގައި މުސާރައިގެ ކަންކަން ހަމަޖައްސާ ނުދެވުމުގެ ސަބަބުން، ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ ހިދުމަތްތެރިން ވަނީ ސިލްސިލާ ގޮތެއްގައި ހަޅުތާލުވެސް ކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ ސްރީލަންކާގެ ރައްޔިތުންނަށް އަދިވެސް އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ދުވަސްތަކެއް ކަމުގެ އިންޒާރު، އެ ގައުމުގެ ބޮޑުވަޒީރު ކަމާ 6 ވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހަ ވަނީ ދެއްވާފައެވެ.