ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޒިޔާރަތްކުރައްވައި އެއާޕޯޓުގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ރައީސް ވީއައިއޭއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ވަނީ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް، ފަޔާ ސްޓޭޝަން، ޕެސެންޖާ ޓާމިނަލް ބިލްޑިން، ކާގޯ ޓާމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުން އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތުގެ 99.9 ޕަސެންޓް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތަކެވެ. އަދި އަލަށް ގާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހު ވީއައިއޭއަށް ޒިޔާރަތް ކުރެއްވުން/ ފޮޓޯ: ރައީސް ސޯލިހު

ފިއުލް ފާމުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ވަނީ އެއްކޮށް ނިމިފައެވެ. އެގޮތުން ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދެއެވެ.

މީގެ އިތުރުން އެއާޕޯޓުގެ ކާގޯ ޓާމިނަލްގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައިސީޓީ ނެޓްވާކް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި ހުރިއިރު ކާގޯ ހާބަރުގެ މަސައްކަތް ވެސް ވަނީ ނިމުމާ ގާތަށް ގޮސްފައެވެ. އަދި އާ ޕެސެންޖާ ޓާމިނަލް މަޝްރޫއުގެ 30 ޕަސެންޓް މަސައްކަތް ކުރިއަށް ގޮސްފައިވާއިރު އެ އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކަކާއެކު މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.