މިދިޔަ މާޗް މަހު 12 ކިލޯ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްކޮށް އުޅުނު ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީއަށް ދެ ދައުވާއެއް ކޮށްފިއެވެ.

މިމައްސަލާގައި ސުމޭޝްގެ އިތުރުން ތިން މީހުން ހައްޔަރުކުރިއެވެ. އެއީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްއާއި ނ.ވެލިދޫ، މަރިޔާޒް، މުހައްމަދު އަބްދުއްލަޠީފްއާއި، އަދި ގ. ޕާކާހައުސް ހުސައިން ސަބާހްއެވެ.

ސުމޭޝްގެ މައްޗަށް ކުރާ ދައުވާ:

  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 116 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ހަވާލާދީ، އެގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

ސުމޭޝްއަށް ފިޔަވަޅު އަޅާފައިވާއިރު ބާކީ ތިބި ތިން މީހުނަށް ވަނީ ޕީޖީ އޮފީހުން ފިޔަވަޅު އަޅާފައެވެ.

މިގޮތުންނ.ވެލިދޫ، މަރިޔާޒް، މުހައްމަދު ޢަބްދުއްލަތީފް މައްޗަށް ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 114 ވަނަ މާއްދާގެ (ހ) އާހަވާލާދީ، 114 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އިއްޔެ ޑްރަގް ކޯޓަށް ހުށަހަޅަފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ނުވާ ކަމަށެވެ. އަދި އޭނާގެ ބައި އަނބުރާ ފޮނުވާލައި، އޭނާ ދިވެހިރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި އެދުމަށް ދިވެހި ފުލުހުންގެ ހިދުމަތައް ލަފާދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ހުނީ ގ. ޕާކަހައުސް ހުސައިން ސަބާހްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތައް ލަފާދީފައިވާ ކަމަށެވެ.