ގާތްގަނޑަކަށް 50 ފޫޓުގެ މަރުވެފައި އޮތް ބޮޑު މަހެއް ވ. އަތޮޅުން ފެނިއްޖެއެވެ.

މިކަމާ ގުޅޭގޮތުން "ދަ ޕްރެސް" އާ ވާހަކަދައްވަމުން ވ. އަތޮޅު، އަތޮަޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ 50 ފޫޓަށް ވުރެ ކުޑަނުވާނެ ކަމަށް ބެލެވެނީ އެ މަހަކީ ކޮން ވައްތަރެއްގެ މަހެއް ކަމެއް އަދި ދެނެގަނެވިފާ ނުވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މަސްވެރިންނަށް އެ މަސް ފެނިފައިވަނީ ވ. އަތޮޅު އެތެރެވަރީގައި އޮންނަ މަޑަންގިރި ފަޅު ކައިރިން ކަމަށެވެ. އަދި މިހާރު އޮޔާ ވައި ހުރި ގޮތުން އެ މަސް ވ. ތިނަދޫއާއި ވ. ފެލިދޫއާ ދޭތެރޭ އޮންނަ މަޑުއްވަރީ ފަޅަށް ލައްގަން އަންނަތަން ފެންނަ ކަމަށާއި އެ ސަރަހައްދުގައި ތިނަދޫ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން މަސައްކަތް ކުރަމުންދަނީ އެ މަސް ލައްގާތަނެއް ބެލުމާއި ރަށަކަށް ލެއްގިޔަ ނުދިނުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރަށަކަށް ލައްގައިފިނަމަ އާންމުނަށް އުނދަގޫތަކެއް ދިމާވާނެކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ރިޕޯޓުކޮށްފައިވާ ކަމަށާއި އީޕީއޭގެ "ވެލް ޝާކް" ޕްރޮގްރާމެއްގެ ދަށުން މަސައްކަތްކުރަމުން ގެންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.