ކުޅިވަރުގެ މައިދާނާއި އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް އެ ކުދިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ގައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށާއި މި ސިޔާސަތު ތަންފީޒު ކުރުމުގައި އާއިލާތަކާއި މަދަނީ ޖަމްއިއްޔާތަކާއި އަދި މުޅި މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ. މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.