ފިހާރަތަކުން މުދާ ނުވަތަ ގަތުމުން އެތަކެތި އަޅާފައި ދެމުން އަންނަ ކޮތަޅު ގަންނަން މަޖުބޫރު ކުރާ ގާނޫނެއް ހަދަން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

އެ ބިލުގައި ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ވަރު ހިމަނަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ދައްކަން ޖެހޭނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކޮތަޅު ހިލޭ ލިބޭ 5 ހާލަތެއް އެ ބިލުގައި ބަޔާންކޮށްފައި ވާއިރު އޭގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި އާއި ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު ހިމެނޭއިރު އޭގެ އިތުރުން 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއާއި އަދި ކުނި މެނޭޖް ކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު އެ ލިސްޓުގައި ހިމެނެއެވެ.

އެ ބިލުގައި ބުނާ ގޮތުގައި ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށާއި ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މިހާރުވެސް ބައެއް ފިހާރަތަކުން ކަސްޓަމަރު ގަންނަ ތަކެތި އަޅަން ކޮތަޅު ވިއްކައެވެ.