ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އޭނާއާމެދު ޝައްކު ކުރެވިގެން ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައި ވާކަމަށް އެ ސާވިސްއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.