އަސްކަރީ ހަތިޔާރުގެ ރޭހުގައި ކުރި ހޯދަން ބޮޑެތި ގައުމުތަކުން ކުރާ ހަނގުރާމާގައި، ރަޝިއާއިން އިއުލާން ކުރީ ސެލެޓައިޓްތަކާއި ޑްރޯންތައް "ކަނު ކޮށްލާ" ލޭޒާ ހަތިޔާރެއް ޓެސްޓް ކުރި ވާހަކައެވެ.

ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުފަތުރާ އިދާރާތަކުން ބުނެފައި ވަނީ ދުނިޔެއާ 1500 ކިލޯ މީޓަރު ދުރުން ދަތުރު ކުރާ ސެޓެލައިޓް ތައް ކަނު ކޮށްލުން ނުވަތަ ސެލެޓައިޓް ހަލާކުކޮށްލުމުގެ ކުޅަދާނަކަން އެ ހަތިޔާރަށް ލިބިފައިވާ ކަމަށެވެ. އަދި 5 ކިލޯމީޓަރު ދުރުން ދަތުރު ކުރާ ޑްރޯންތައްވެސް ހަލާކު ކޮށްލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހަތިޔާރުގެ އަޖުމަ ބަލާފައި ވާ އިރު، ކާމިޔާބު ކަމަށް ރަޝިއާގެ އޮފިޝަލުން ބުނި ނަމަވެސް ހަބަރުފަތުރާ އެއްވެސް އިދާރާއަކަށް އެކަން ކަށަވަރު ކުރެވިފައި ނުވާކަމަށް ބުނެފައި ވެއެވެ. މި ހަތިޔާރަކީ، ރަޝިއާގެ އަސްކަރީ ބާރުގެ ތެރެއަށް ގެންނާނެ އިންގިލާބީ ބަދަލާ ގުޅޭ ގޮތުން 2018 ވަނަ އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓުން އިއުލާން ކުރައްވާފައި ވާ ހަތިޔާރެކެވެ. މީގެ އިތުރުން އެއް ބައްރުން އަނެއް ބައްރަށް ދަތުރު ކުރާ ބެލެސްޓިކް މިސައިލާއި، ކްރޫޒް މިސައިލްގައި ހަރުކުރެވޭ ކުޑަ ނިއުކްލިއާ ވޯހެޑަކާއި ފެނުގެ އަޑީގައި ނުވަތަ ކަނޑު އަޑީގައި ބޭނުން ކުރެވޭ ޑްރޯން އާއި، ސްޕޯސިނިކް ހަތިޔާރު އުފައްދާނެ ކަން އިއުލާން ކުރެއްވިއެވެ.

ރަޝީއާގެ ރައީސް ވްލްޑިމިއާ ޕޫޓިން / ފޮޓޯ: ރޮއިޓާސް

ރަޝިއާގެ އަސްކަތީ ގާބިލްކަން ކުރިއެރުވުމާ ބެހޭ ބައިގެ ޑެޕިޔުޓީ މިނިސްޓަރަކަށް ހުންނަވާ ޔޫރީ ބޮރިސޯވް އާ ހަވާލާ ދީ ރޮއިޓާސްގައި ބުނެފައި ވަނީ މި ލޭޒާ ހަތިޔާރު އިއްޔެ ޓެސްޓް ކުރުމަށް 5 ކިލޯ މީޓަރުގެ ދުރުން ޑްރޯންއެއް ހަލާކުކޮށްލި ކަމަށެވެ. އަދި އެކަމަށް ނެގީ އެންމެ 5 މިނެތް ކަމަށްވެސް އޭނާއާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވެއެވެ.

ރަޝިއާއާއި ޔޫކްރައިން އާ ދެމެދު ވަރުގަދަ ހަނގުރާމައެއް މިހާރުވެސް ހިނގަމުން ދާއިރު، ޒަމާނީ ތަފާތު ހަތިޔާރު މިހާރުވެސް ބޭނުން ކުރާ ކަމުގެ ތުހުމަތު ވަނީ ރަޝިއާއަށް އަމާޒުވެފައެވެ. ހުޅަނގުގެ މި ތުހުމަތަކާއެކު ރަޝިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ޔޫކްރައިންއާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހޭ ހާލަތު އައިސްފިނަމަ އެކަންވެސް ކުރާނެ ކަމަށެވެ.

ރަޝިއައާއި ޔޫކްރައިންގެ ހަނގުރާމަ ދިގުލަމުން ދާއިރު، ހަނގުރާމަ ހުއްޓުވުމަށް ވުރެ ބޮޑަށް ހުލަނގުން ގެންދަނީ، ޔޫކްރައިނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި ފައިސާއާއި އެހެހިހެން އެހީ ފޯރުކޮށްދެމުންނެވެ. ރަޝިއާއަކީ އަސްކަރީ ބޮޑު ބާރަކަށްވެފައި، ދޫދިނުމެއް ނެތް ކަމަށް ބުނެ ހުޅނަގަށް އިންޒާރު ދެމުން ދާ މި ދަންޑިވަޅުގައި ސްވިޑްން އާއި ފިންލޭންޑުން މިއަދު ވަނީ ނޭޓޯ އާ ގުޅެން ރަސްމީކޮށް ހުށަހަޅާފައެވެ.