ޑެންގޫ ހުމާއި ވައިރަލް ހުން ފެތުރޭތީ އައްޑޫ ސިޓީގެ ރައްޔިޔުން އެކަމަށް ސަމާލުވާން އަންގައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކުން ޑެންގޫ އަދި ވައިރަލް ހުން ފެންނަމުންދާތީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިވުމަށް ބައެއް ކަންކަމަށް ސަމާލުކަން ދޭން އިލްތިމާސްކުރާ ކަމަށެވެ.

ޑެންގޫ ހުމުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް

  • ޑެންގޫ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުން
  • ޑެންގޫއިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުން
  • މަދިރިން ރައްކާތެރިވުމަށް ބޭނުން ކުރާޒާތުގެ ލޯޝަން ބޭނުން ކުރުން
  • މަދިރި އާލާވާފަދަ ތަންތަން ނައްތާލުން

ވައިރަލް ހުމުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް

  • ވައިރަލް ހުންހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުން
  • ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުން
  • ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުން
  • ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާކުރުން

ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހު ތެރޭ ވެސް ވަނީ އަންގާފައެވެ.

ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.