ސްޓޭލްކޯއިން ހިދުމަތް ދޭ ބައެއް ރަށްރަށަށުގައި ކުނި މެނޭޖްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، މިހާރު މާލޭގެ އިތުރުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން މާލޭ ސަރަހައްދުގައި ހިމެނޭ ބައެއް ރަށްރަށުގައި ކުނިމެނޭޖް ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ޕްލޭން ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން ކައިރި ކައިރީ އެއް ސަރަހައްދެއްގައި އޮންނަ ކ. މާފުއްޓާއި، ކ. ގުރައިދޫ އަދި ކ. ގުޅީގައި މި ޕްރޮޖެކްޓް ފެއްޓުމަށް ޕްލޭންތައް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިންމާލެވިއްޖެ ނަމަ ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރަށްރަށުގައި ވެސް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ހަވާލުވެފައި އެބަ އޮތް ތުލުސްދޫގެ ފެނުގެ ނިޒާމް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއް ދޮޅުމަހެއްގެ ތެރޭގައި ތުލުސްދޫ ފެނުގެ ނިޒާމްގެ މަސައްކަތް ފަށައި ހަމަ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަ ގެންދެވޭ، އެހެންވީމަ ތާވަލުގައިވާ ތާރީހަށް ވުރެ ކުރިން ތުލުސްދޫ ފެނުގެ ނިޒާމް ނިންމާލެވޭނެ."
އަހްމަދު ޝަރީފް

ހަމައެއާއެކު އަތޮޅުތެރޭގެ ރަށްރަށުގައި އެ ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރަށްރަށުގެ ފެނުގެ މަސައްކަތްތައް ބަލަހައްޓައި އަތޮޅު ތެރޭގައި މެއިންޓެނަންސް އިތުރު ކުރުމާއި އަދި ފެނުގެ ނެޓްވޯކް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މިހާރު އެ ކުންފުނިން ހަވާލުވެފައިވާ ކ. ތުލުސްދޫގެ ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށް އޮތް މަހެއް ނުވަތަ ދޮޅު މަހެއްގެ ތެރޭގައި ފައްޓާނެ ކަމަށާއި އަދި އެ މަސައްކަތް ނިންމަން ތާވަލް ކޮށްފައިވާ ތާރީހަށް ވުރެ ކުރިން ނިންމާލެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ދެވޭ ކަރަންޓުގެ ހިދުމަތާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގެ ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ވަރަށް ލިމިޓެޑްކޮށް ވަރަށް ލޯޑް ކުޑަ، އާބާދީ ކުޑަ ރަށްރަށަށް ކަމަށެވެ. މާލެ އަތޮޅާއި އއ. އާއި އދ. އާއި ވ އަތޮޅަކީ ސްޓެލްކޯގެ ދަށުގައި ހުންނަ އަތޮޅުތައް ކަމަށާއި އެ އަތޮލޮޅުގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުނޑުމެން މާލެއަށް ބަދަލުތަކެއް ގެންނަ ވާހަކަ މި ދައްކަނީ އެއްވެސް ގޮތަކަށް އެއީ މާލެއަށް ވެގެނެއް ނޫން. އެއީ މާލޭގެ ކަންކަމަކީ، އާބަދީ ބޮޑުތަކަނަކަށް ވީމަ އަޅުގަނޑުމެންގެ ބިޒްނަސްއަށް ފައިދާ ވާނެ މާލޭގައި. އަތަޅުތެރޭގައި ވެސް އަޅުގަނޑުމެން ސޯލާ ހަރު ކުރަމުން މި ދަނީ. މިހާރު ވެސް އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ބައެއް ފުރާޅުތަކުގައި އަޅުގަނޑުމެން ސޯލާ ޖަހަމުން މިދަނީ."
އަހްމަދު ޝަރީފް

އެ ގޮތުން މިހާރު މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރައްޔިތުންނަށް އުނދަގޫވާ ޕަވާ ހައުސްތައް ރީއެލޮކޭޓް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަމުން ދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރު އެ ޕްރޮޖެކްޓް ހިންގަމުން ދަނީ 6 ރަށެއްގައި ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް މިހާރު 50 ޕަސެންޓް ނިމިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި އެ 6 ރަށުގެ މަސައްކަތް ނިމުމުން މިއަހަރު އިތުރު 6 ރަށެއްގެ ޕަވާ ހައުސް ރިއެލޮކޭޓް ކުރުމުގެ ޕްރޮޖެކްޓްތަކެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސްޓޭލްކޯ އިން އަންނަނީ ރަށްރަށުގައި ސޯލާ އެނާޖީ ތައާރަފު ކޮށް ބައެއް ރަށްރަށުގެ ފުރާޅުތަކުގައި ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯއިން ހަމައެކަނި މަސައްކަތް ކުރަނީ މާލެ ސަރަހައްދުގެ ކަންކަން ތަރައްގީ ކޮށް މާލެއަށް ހިދުމަތް ކޮށްދިނުމަށް ނޫން ކަަމަށް ޝާރީފް ވަނީ ވިދާޅުވެފައެވެ. ކުންފުނި ފުޅާވެ އާމްދަނީ ރަނގަޅުވާ ވަރަަކަށް ރައްޔިތުންނަށް ފައިދާ ވާގޮތަށް ގިނަ ބަދަލުތަކެއް ގެނެސް ދެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގޮތުން މާލެއާއި އަތޮޅުތެރޭގެ ކަރަންޓުގެ އަގު އެއް ހަމަ ކުރުމަކީ ރައްޔިތުންނަށް ބޭނުންތެރިކަމެއް ކަމަށާއި އެކަން ހާސިލް ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.