ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުން ވެސް އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުން އާޒިމާގެ ފަރާތުން ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން މިހާރު ނެތް ކަމަށެވެ.

އެހެންކަމުން ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް އާޒިމާގެ ފަރާތުން ބުނިނަމަވެސް، އެކަންކަމާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައިވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދާނެ ތަން އޮތްކަމަށް ކަނޑައަޅައި ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމެވުންތަކެއް ނޫން ކަމަށެވެ. އަދި އެ އިސްތިއުނާފީ ނުކުތާތަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.