އެސްޓީއޯ ގްރޫޕުގެ މިދިޔަ އަހަރު ޖުމްލަ އާމްދަނީ 32 ޕަސެންޓް އުފުލި ޖުމްލަ 11 ބިލިއަން ރުފިޔާ ލިބިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން އާންމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު އެސްޓީއޯ ގްރޫފުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައި ވާކަމަށާއި އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 32 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

މީގެ ތެރެއިން އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ވެފައި ވަނީ ތެލުގެ ވިޔަފާރިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެސްޓީއޯ ގްރޫޕް އިން ވިއްކި ތެލުގެ އަދަދު މިދިޔަ އަހަރު ވަނީ 26 ޕަސެންޓް އިތުރުވެފައެވެ. އެއާއެކު ތެލުން އެކަނި 6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދިއެވެ. މީގެ އިތުރުން ފިޝަރީސް، ޝިޕިން އަދި ގޭހުގެ އާމްދަނީވެސް އިތުރު ވި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ގްރޫޕުގެ އާމްދަނީ 11 ބިލިއަންގައި ހުރި އިރު، އެ ކުންފުނީގެ އާމްދަނީ އަކީ 10.2 ބިލިއަން ރުފިޔާއެވެ. އެއާއެކު 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އެސްޓީއޯ މުޅި ގްރޫޕުގެ ފައިދާ ނިމިދިޔަ އަހަރު ވަނީ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެސްޓީއޯއިން ބުނީ، ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާ އަކީ 186 މިލިއަން ރުފިޔާ ކަމަށާއި ޓެކްސްއަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ ކަމަށެވެ.

އެސްޓީއޯގެ ވިޔަފާރި ރަަނގަޅުވެ އަހަރުން އަހަރަށް ފައިދާ ވަމުން އަންނަ އިރު، ކުންފުނީގެ ހިއްސާދާރުންނަށް 65ރ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. ޑިރެކްޓަރުންގެ ބޯދުގެ މި ނިންމުން މިމަހު 30 ގައި ބާއްވާ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހުށަހަޅާ ފާސްކުރާނެއެވެ.