އިއްޔެ އެމްޑީޕީން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ބަލި ގަބޫލު ކުރައްވައިފިއެވެ.

އިންތި އާ ގާތުން ޗެއާޕާސަން ކަމަށް ވާދަ ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒް އެ އިންތިހާބު ކާމިޔާބު ކުރެއްވި އިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން:

  • ފައްޔާޒް އިސްމާއީލް: 59 ޕަސެންޓު
  • އިމްތިޔާޒް ފަހުމީ: 41 ޕަސެންޓު

ބަލި ގަބޫލު ކުރެއްވިކަން އިއުލާނު ކުރައްވައި ފައްޔާޒަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓުގައި އިންތި ވިދާޅުވީ، މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާ އެކު ދެމި ހުންނާނެ ކަމަށެވެ.

އިންތިގެ ޓްވީޓް ރީޓްވީޓް ކުރައްވައި، އިންތިހާބީ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިންތިއަށް ޝުކުރު ދަންނަވައި ކުރެއްވި ޓްވީޓްގައި ވިދާޅުވި ގޮތުގައި، ކުރިންވެސް އޭނާ ދެންނެވި ފަދައިން، އިންތިހާބަށް ފަހު އެ ޕާޓީ ތިބޭނީ އެކަތިގަނޑަކަށް ވެގެންނެވެ. އަދި އެގޮތުގައި އެމްޑީޕީ ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މައްޗަންގޯޅި ޖަގަހައިގައި ރޭ ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ އިންތިހާބަށް ފަހު، އަލުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާ އާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

"ކެމްޕެއިންގައި ދެއްކެވި އެއްވެސް ވާހަކައާ މެދު އަޅުގަނޑުގެ ހިތް ބުރަކަމެއް ނެތް. އަޅުގަނޑާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާނެ ގޮތަކީ އެއީ ކަމަށް."
ފައްޔާޒް އިސްމާއީލް / އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން

ހަމަ އެއާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ކަނޑުވާލުން ކަމަށް ބުނެވޭ ވާހަކަތަކަށް ވެސް ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ނަޝީދާއި އޭނާ އާ ދެމެދު ޒާތީ އެއްވެސް މައްސަލައެއް ނޯންނާނެއެވެ. އަދި ނަޝީދާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.