ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި އެ ކޯޓަކީ ކީއްކުރާ ތަނެއްތޯ ސުވާލުކުރި މީހަކު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ޖަލަށް ލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ދިވެހި ފިިރިހެނެކެވެ.

އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒާ އަލީ ނަދީމް ވަނީ ބޭސްފަރުވާގެ ކަންކަމުގައި ކްރިމިނަލް ކޯޓަށް ހޯދައިދެވޭނެ ހައްލެއް ނެތް ކަމަށާއި އެ ކަމުގައި ގާނޫނީ ގޮތުން ފަހިވެފައިވާ މަގަކީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން ކަމަށް ވިދާާޅުވެފައެވެ. އެކަމާ ގުޅިގެން "ތީ ކީއްކުރާ ތަނެއް؟"ތޯ އެ މީހާ ވަނީ ސުވާލުކޮށްފައެވެ.

މީގެކުރިން ވެސް ކްރިމިނަލް ކޯޓުގައި އަޑުގަދަކުރުމާއި ދައުލަތުގެ ވަކީލުންނާއި ގާޒީއާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ވެސް ޖަލަށްލާން ހުކުމްކޮށްފައިވާއިރު ކޯޓުގައި ހުރެގެން ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން އަދަބު ކަނޑައެޅޭ ކުށެކެވެ.

ކޯޓުތަކުގެ ގާނޫނުގައި ޝަރީއަތުގެ މަޖިލީހެއް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖލީހުން ނުކުމެ، އެ މަޖިލީހުގެ ނިޒާމާ ހިލާފުވާ ފަދަ އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ އެ ކަމުގެ ކުޑަބޮޑުމިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ ކުށުގެ އަދަބުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއި 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އެއް މަސްދުވަހަށް ޖަލަށް ލުމެވެ.