މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 63 ޕަސެންޓު އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކުރި މި ދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 4.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 63 ޕަސަންޓްގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި 265 މިލިއަން ރުފިޔާ ލިބިފައި ވާއިރު މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް ލިބިފައި ވަނީ 365 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 37 ޕަސަންޓު އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއިން 170 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނި 231 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު 37 ޕަސަންޓް އިތުރު ވުމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އަދި އިންޑިއާއިންނެވެ. އެގޮތުން ތައިލެންޑަށް 62 ޕަސަންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނުވިލާތަށް ވަނީ 7 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި އިންޑިއާއަށް ވަނީ 6 ޕަސެންޓް މުދާ ބޭރުކޮށްފައެވެ.

މި ދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ އޮމާން، އިންޑިއާ އަދި ޔޫއޭއީއިންނެވެ. އެއީ އޮމާން އިން 1.4 ބިލިއަން ރުފިޔާގެ މުދަލާއި ޔޫއޭއީއިން 534 މިލިއަން ރުފިޔާގެ މުދާގެ އިތުރުން އިންޑިއާއިން އެތެރެ ކުރި 655 މިލިއަން ރުފިޔާގެ މުދަލެވެ.