މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއާޕާސަންގެ ނަތީޖާ ފެނިވަޑައިގެން އެ ޕާޓީގެ މެންބަރުން އެދުނު ފަދައިން އެ ޕާޓީ ހިންގާލާ 2023 ކާމިޔާބު ކުރުމުގެ މަސައްކަތުގައި ދެމިހުންނާނަން ކަމަށް މިހާރު ވަގުތީ ނަތީޖާއިން ކުރި ހޯއްދަވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް ވަނީ މި އިންތިހާބުގެ 282 ވޯޓު ފޮށީގެ ތެރެއިން 272 ވޯޓު ފޮށިން އޭނާއަށް 59 ޕަސެންޓާ އެކު ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވާ ހަމްދު ކުރައްވާފައެވެ. އެއާއެކު އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ އެ ޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބު ކޮށް މެންބަރުން އެދުނު ގޮތަށް އެ ޕާޓީ ހިންގާލަން ދިން ވޯޓެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށާއި ވޯޓު ލާން ނުކުމުވަޑައިގަތް މެންބަރުންނާ އޭނާއާއި އޭނާގެ ޓީމްގެ ނަމުގައި ޝުކުރު އަދާ ކުރެއްވިއެވެ.
ވަގުތީ ނަތީޖާ އިއުލާންކޮށް ނިމުނު އިރު ފައްޔާޒް ވަނީ 59 ޕަސެންޓް ވޯޓު ކާމިޔާބު ކޮށްފައެވެ. އެއީ 270203 ވޯޓެވެ. އިންތި އަށް 41 ޕަސެންޓް ވޯޓު ލިބިފައިވާއިރު، އިންތިއަށް ލިބިވަޑައިގެންފައި ވަނީ 19197 ވޯޓެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން އިއުލާންކޮށްފައި ވަނިކޮށް އެ މަގާމަށް ކުރިމަތިލައްވާ ކަން ފައްޔާޒާއި އިންތި އިއުލާން ކުރެއްވުމުން "ދަ ޕްރެސް" އިން ފޭސްބްކް އާއި ޓްވިޓާ ބޭނުންކޮށްގެން 4 ދުވަހުގެ މުއްދަތަށް އާންމުންނަށް ހުޅުވާލައި ޕޯލެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕޯލްގެ ނަތީޖާ ދެއްކި ގޮތުގައި ވެސް މި އިންތިހާބު ކާމިޔާބު ކުރައް ވާނީ ފައްޔާޒް ކަަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ފެބްރުއަރީ މަހު "ދަ ޕްރެސް" އިން ކުރި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ފައްޔާޒް ވަނީ 52 ޕަސެންޓް ވޯޓާއެކު ކުރި ހޯއްދަވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިހާރު ވޯޓު ގުިނަމުން ދާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.