ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ވަނީ ގަދަވެފައެވެ.

މިއީ ހުޅަނގު މޫސުން ކަމުން، ވައިގަދަވެ ކަނޑުތައް ގަދަވާނެ ތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން މޫސުމާ ބެހޭ އިދާރާއާއި ކޯސްޓްގާޑުން ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އދާރާއިން ބުނީ، ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަރަށް ގަދަވާނެ ކަމަށާއި، ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް 50 މޭލަށް ވައިވެސް ގަދަވާނެ ކަމަށެވެ. މި ސަރަހައްދަށް ރީނދޫ އެލާޓް ނެރެފައި ވާއިރު، ވިއްސާރަ ވިލަގަނޑަށް ސަމާލުކަން ދޭން ވަނީ އަންގާފައެވެ.

މި ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން ދާއިރު، ރާއްޖޭގެ ސަރަހައްދަށް މެތް އޮފީހުން އޮތީ ހުދު އެލާޓުވެސް ނެރެފައެވެ. ހާއްސަކޮށް ހއ އިން ރ އަށް ވިއްސާރަގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

https://www.facebook.com/100003728985868/videos/597609054885067/

ހުޅަނގު މޫސުން ހިނގަމުން ދާއިރު، މީހުން އަރުވައިގެން ދުއްވަމުން ދިޔަ ލޯންޗެއްގެ ތެރެއަށް ރާޅެއް ޖަހާތަން ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލްމިޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ، ރާޅު ލޯންޗްގެ ތެރެއަށް ޖަހާ، ދިޔަ ބޮޑުވާ ތަނެވެ. އޭރު ލޯންޗުގައި ތިބީ ހުސް ފިރިހެނުން ނަމަވެސް އެއިން މީހަކު ލައިފްޖެކެޓެއްވެސް އަޅާފައި ނެތެވެ. މިއީ ކޮންތާކަށް ދަތުރުކުރި ކޮން ލޯންޗެއްކަން އަދި ސާފުވެފައި ނުވާއިރު، ކަމާބެހޭ އިދާރާއަކުންވެސް މިކަމާ ބެހޭ މައުލޫމާތެއް ސާފެއް ނުވިއެވެ.

ވިއްސާރަ މޫސުމުގައި މޫސުމަށް ބެލުމެއް ނެތި ބިރުކަނޑާލައި ދަތުރު ކުރުމުގެ ތެރޭގައި ކަނޑުމަތީގެ ހިތާމެރި ހާދިސާތައް ހިނގައި އެތައްބައެއްގެ ފުރާނަވެސް ގެއްލިފައި ވެއެވެ. މިފަދަ އެތައް ހާދިސާތަކަކާ ގުޅިގެން ލައިފްޖެކެޓް އެޅުމަކީ މަޖުބޫރުވެސް ކޮށްފައި އޮންނަ ކަމެކެވެ.