ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު އަދި ޔާމީންގެ ކޮއްކޯފުޅު ޔުމްނާ މައުމޫން ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.
ވިލިމާލޭގައި އޮތް ކެމްޕެއިން އިވެންޓެއްގައި ރައީސް ޔާމީން ވަނީ މަގާމުގައި އަބަދު ނުތިބެވޭނެ ކަމަށާއި ހާލަތު ބަދަލުވާ ދުވަހު ޖަލަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް ދެއްވާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށް ލާނީ ތޯ އާއި ކުރީގައި ޖަލަށް ލެވުނުވަރު މަދީ ތޯ ސުވާލުކުރައްވާފައެވެ.
ޔުމްނާގެ އެ ސުވާލުތަކަށް ރައްދުދެއްވަމުން ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، މައުމޫނުގެ ވެރިކަމުގައި އަނިޔާވެރިވި ވަރަށް މިހައިތަނަށް އައި އެއްވެސް ރައީސަކު އަނިޔާވެރިވެފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްދުދީ ވާހަކަފުޅު ދައްކަވަން ލަދު ގަންނަވަން ޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މައުމޫނާއި ގުޅޭގޮތުން ވާހަކަދައްކަން މިހާރު ބޭނުން ނުވާ ކަމަށާއި ނަމަވެސް ހާއްސަކޮށް ޔުމްނާ ނިކުމެވަޑައިގެން ރައީސް މައުމޫން އެހާލުގައި ވެސް ހުންނެވިޔަ ނުދެއްވަން ވެގެން ޔުމްނާ ކުރައްވާ ކަންތައްތަކުން އެވާހަކަ ދައްކަން ޖެހޭ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މިމަހު 10 ވަނަ ދުވަހު އޮތް އިވެންޓުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބޭބެ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.