ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދުއެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރު ވީ މަދުސްދަނަންއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެ ކުންފިނިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީއަކީ ހައި ސްޓްރެންތު ކޮންކުރީޓަށް ވުމާއިއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމް ކޮށްފައިވާ ކަމަށް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.'

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ ބޮޑު ޕްރޮޖެކްޓަކަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެސްޓީއޯ ވަނީ ފާހަގަކޮށްފައެވެ.