އިނދަޖެހިފައިވާ ސްރީލަންކާގެ އިގުތިސޯދު ނަގަހައްޓަވާނެ ކަމަށް، އެ ގައުމުގައި ހުސްވެފައިވާ ބޮޑުވަޒީރު ކަމުގެ މާގަމަށް ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައްޔަން ކުރި ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ވައުދުވެވަޑައިގެންފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔެއަށް ކުރިމަތިވި ހީނަރުކަމާއި، ދަރަނި ދަންތުރާގައި ޖެހި ބޭރު ފައިސާގެ ރިޒާވް ހުސްވެ، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާގެ ޒަރޫރީ އަދި އަސާސީ ހިދުމަތްތަކަށް ބުރޫ އަރަމުން ދިއުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް، އާންމުން ކުރަމުންދާ މުޒާހަރާތައް ވަނީ މަހަކަށް ވުރެ ދިގުލާ ގޮސްފައެވެ.

ސަރުކާރުގެ އިސްތިއުފާއަށް އާންމުން ގޮވަމުން ދަނިކޮށް ބޮޑުވަޒީރު ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަހިންދާ ރާޖަޕަކްސަގެ އިސްއިތުފާއަށް ފަހު ސްރީލަންކާގެ މަސްރަހު އިންތިހާއަށް ނުރައްކާވެގެން ދިޔައެވެ. 9 މީހެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަހަމްވީ އިރު، ގިނަ ތަންތަނުގައި ހުޅުޖެހި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ބޮޑުވަޒީރަކާ ނުލާ ދެތިން ދުވަސް ފާއިތުވުމަށްފަހު، ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވުނީ، މަހިންދަ ރާޖަޕަކްސަގެވެސް ތާއީދާއެކުގައެވެ. މިއީ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވުނު 6 ވަނަ ފަހަރެވެ. މީގެ ކުރިން، 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 ވަނަ އަހަރު 100 ދުވަހަށް އަދި 2015 އިން 2018 އަށް އަދި 2018 އިން 2019އަށްވެސް ރަނިލް ވިކްރަމަ ސިންހަ ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު އަދާ ކުރައްވާފައެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ގައުމުގެ އިގުތިސޯދު ނެގެހެއްޓެވުމުގެ ޗެލެންޖު ނަންގަވައިގެން ހުންނެވި ކަމަށާ، އެކަން ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އަދި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ތަކިލީފުތައް އަޑުއިވުއްމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށް ވިދާޅުވި ރަނިލް ވިކްރަމަސިންހަ ވަނީ ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އޮތް އަގުލަބިއްޔަތު ސާފުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށްވެސް ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން