މި އަހަރު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ބޯޅަ އާއި އެ މުބާރާތުގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު، އުރީދޫން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

އެކަމަށްޓަކައި ރައީސް އޮފީހުގައި ހެނދުނު ބޭއްވި ބައްދަލު ކުރެއްވުމުގައި ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ "އައް ރިހްލާ" އާއި މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސަށް އަރުއްވާފައި ވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ. އޭގެ އިތުރުން، އެ ބައްދަލު ކުރެއްވުމުގައި އަލް ހަމާދީ ވަނީ ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރުމަށްޓަކައި އުރީދޫން ކުރަމުންދާ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންކަމަކީ:

  • ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން އުރީދޫން ޑިޖިޓަލް ރާއްޖެ އެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން
  • ރާއްޖޭގެ ހުރިހާ ހިސާބަކަށް 5ޖީ ގެ ހިދުމަތް ފުޅާ ކުރުމާ ގުޅޭ ގޮތުން
  • ޕީސް ކޭބަލް މެދުވެރިކޮށް ވިލާތާއި ސިންގަޕޫރާ ރާއްޖެ ގުޅާލުމާ ބެހޭ ގޮތުން
  • ރާއްޖޭގެ ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމާ ބެހޭ ގޮތުން
  • އެކި ދާއިރާތަކަށް އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން

އުރީދޫން ބުނީ، މި އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އަކީ އެ މުބާރާތުގެ ތާރީހުގައި މިހާތަނަށް އުފެއްދި އެންމެ ހަލުވި، އެންމެ ލުއި ބޯޅަ ކަމަށް، އެ ބޯޅަ އުފެއްދި ކުންފުނި އެޑިޑާސް އިން ބުނެފައިވާ ކަމަށާއި، އުރީދޫގެ ފަރާތުން ރައީސަށް އެ ބޯޅަ އަރުވާފައިވަނީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް "ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާ ތަކެއް ހޯދައިދިނުމަށް އުރީދޫން ދޭ އަހައްމިއްޔަތު ކަމުގެ ރަމްޒެއްގެ ގޮތުން" ކަމަށެވެ.

އަލް ހަމާދީ ވަނީ، މި އަހަރުގެ ވޯލްޑް ކަޕްގެ މެދު އިރުމައްޗާއި އެފްރިކާގެ ރަސްމީ ޓެލެކޮމް އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫން މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ ރަށްރަށަށް މަގުފަހި ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ފުޓްބޯޅައަކީ ވަކި އުމުރެއްގެ މީހަކަށް ބެލުމެއް ނެތި، ނުވަތަ ސަޕޯޓްކުރާ ޓީމަކަށް ބެލުމެއް ނެތި، މުޖުތަމައުގައި އެއްބައިވަންތަކަން އުފައްދާ ފޯރިގަދަ ކުޅިވަރެއް. ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް."

މި މުބާރާތާ ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ވޯލްޑް ކަޕް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 21 ނޮވެމްބަރުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ. މިއީ އަހަރުގެ ފަހުކޮޅު ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ.