އެމްޑީޕީގެ މެންބަރުން ޕާޓީއަށް ކުރި އިތުބާރު ގެއްލުނީ ޕާޓީ ބަދުނާމުވާ ކަހަލަ ކަންކަން ބައެއް މެންބަރުން ކުރާތީ ކަމަށާއި އެ މެންބަރުން ބުރަ މަސައްކަތުން ގެނައި މި ސަރުކާރުން މިހާރު ކަން ކުރާ ގޮތުން މިއީ އެމްޑީޕީ ސަރުކާރެއް ކަން އެ މެންބަރުންނަށް އިހްސާސް ވެސް ނުކުރެވޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތި ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމައްތިލައްވައިގެން ކުރެއްވި ކެމްޕެއިންގެ ތެރެއިން، އެމްޑީޕީގެ މެންބަރުން މިހާރު އެ ޕާޓީއާ މެދު ދެކޭ ގޮތް ސާފުވެވަޑައިގެންފައިވާ ކަަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ޕާޓީ މިއަދު ވެރިކަމަށް އައިސްފައި ވަނީ އެ މެންބަރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ މިހާރު އެމީހުން ކަންބޮޑުވަނީ މި ސަރުކާރުން އެމީހުން ބާކީ ކޮށްލާތީ ކަމަށެވެ.

"ޕާޓީގެ ބޭފުޅުން ކުރި ވަރަށް ބުރަ މަސައްކަތަކުން ސަރުކާރަށް އާދެވިފައި އޮތްއިރުގަ އެ ބޭފުޅުންނަށް އެ ބޭފުޅުންގެ އިހްސާސް ހުންނަ ގޮތަކަށް އެ ބޭފުޅުންނާ ގުޅިފައިވާ ސަރުކާރެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ނުދެކޭ ކަން މިއަދު ހިތާމައާ އެކުގައި ފާހަގަކޮށްލަން. ތިމަންނަމެންގެ ސަރުކާރެއް ކަން އިހްސާސް ވެސް ނުވާ ކަހަލަ ގޮތަކަށް ކަންތައްތައް ވެފަ އެބަހުރި ކަމަށް ބުނޭ. މިސާލަކަށް ރަށުގެ ފެންވަރުގައި އެމީހުންނާ މެދުގައި އަމަލު ކުރާ ގޮތުގައި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަން ވަރަށް ބޮޑަށް ފާހަގަ ކުރި."
އިމްތިޔާޒް ފަހުމީ

ކެމްޕެއިން ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންކަން ފާހަގަ ކުރައްވަމުން އިންތި ވިދާޅުވީ، އެ ރަށްރަށުން ދިމާވި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރި ކަމަކީ މި ސަރުކާރުން މީހުންނާ ގުޅިގެން ކަންކަން ކުރަން ނޫޅުން ކަމަށެވެ. މި ސަރުކާރުން ކަން ކުރާ ގޮތުން އެމީހުންނަށް މިއީ، އެމީހުންގެ ސަރުކާރެއް ކަން ވެސް އިހްސާސް ނުވާ ކަމަށް ބުނެ އެ މީހުންގެ ޝުއޫރު ފާޅުކުރި ކަމަށް އިންތި ވިދާޅުވިއެވެ.

އިމްތިޔާޒު ފަހުމީ ދޮރުން ދޮރަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން / ފޮޓޯ: އިންތި ޓްވިޓާ

ކެމްޕެއިން ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އިންތި ފާހަގަ ކުރެއްވީ، މިހާރު އެމްޑީޕީ ދެބައިވެގެން ދިއުން ކަމަށެވެ. ޕާޓީ އުފެދުނު އިރު އޮތް މި ޕާޓީގެ އަސްލު ގޮތްތައް ގެއްލިގެން ދިއުމާއި، ޕާޓީއަށް އޮތް އިތުބާރު ގެއްލޭ ކަމުގެ ކަންބޮޑުވުމާއި، ޖޯޝާއި ފޯރި ގެއްލެމުން ދާތީ ޕާޓީއަށް އޮތް އުންމީދު ގެއްލިގެން ދިއުމަކީ އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުންތައް ކަމުގައި އިންތި ފާހަގަ ކުރެއްވިއެވެ.

މާދަމާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު މި ދަނޑިވަޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވައި އިންތި ވަނީ ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އެ ކަން ހާމަ ކުރައްވަމުން އިންތި ވިދާޅުވީ، ރަށްރަށް ވަޑައިގެން އޭނާ ކުރައްވާ ކެމްޕެއިނަކީ ރަށުގެ ބަނދަރު މައްޗަށް ސަރުކާރުގެ މުވައްޒަފުންތަކެއް އެއްކޮށްލާފައި ފޮޓޯގަނޑެއް ނެގުން ނޫން ކަމަށެވެ.

އިމްތިޔާޒު ފަހުމީ ދޮރުން ދޮރަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން / ފޮޓޯ: އިންތި ޓްވިޓާ

އިންތި ކުރެއްވި ކޮންމެ ކެމްޕެއިން ދަތުރެއް ވެސް ހާއްސަ ވެގެން ވަނީ ސަބަބެއް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ވަޑައިގެންނެވި ކޮންމެ ރަށެއްގެ ބަނދަރުމަތިން ދަތުރު ނިންމާ ނުލައި ކަމަށާއި ރަށުތެރެއިން މީހުންނާ ބައްދަލުކޮށް ދޮރުންދޮރަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ރަށުގެ މީހުންގެ ޝަކުވާތައް އޭނާ އަޑުއެއްސެވި ކަމަށާއި އިތުރަށް ޕާޓީގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރެވޭނީ އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް މި ދައްކާ ވާހަކައަކީ ޕާޓީއަށް އިތުބާރު އެބަ ހޯދަން ޖެެހެޔޭ. އެންމެ ބޮޑަށް 2023 މި ޕާޓީ އަސްލު ގޮތުގައި ގޮސް އިރާދަކުރެއްވިއްޔާ 2023 ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވަނީ ނަމަ އެބަޖެހޭ މި ޕާޓީގެ އިތުބާރު ހޯދަން."
އިމްތިޔާޒް ފަހުމީ

އިންތި ވިދާލުވީ، ޕާޓީ ހިނގާ ކަމަށް ކެމްޕެއިންގައި ބައްދަލުވި މެންބަރުން ފާހަގަ ކުރި ކަމަށާއި ނަމަވެސް ބައެއް ކަހަލަ ކަންކަމުން ޕާޓީއަށް ބަދުނާމު އަންނަކަން ފާހަގަ ކުރި ކަމަށޭވެ. އެގޮތުން އެ ޕާޓީން ވެފައިވާ ބައެއް މުހިއްމު ވައުދުތައް ސަރުކާރުގެ ފަރާތުން ފުއްދައި ނުދީ ހުރުމާއި ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް އެމީހުން ފާހަގަ ކުރަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވައްކަމާއި ހިޔާނަތާ ދުރު ޕާޓީއެއް ކަމަށާއި މީގެ ކުރީގެ އެމްޑީޕީއާ މެދުގައި މިކަހަލަ ތުހުމަތުތައް އެޅިފައި ނުވާ ކަމަށް އިންތި ވިދާޅުވިއެވެ. ނަމަވެސް މި ފަހަކަށް އައިސް އެފަދަ ތުހުމަތުތައް ޕާޓީއަށް އަމާޒުވަމުން އަންނަ ކަމަށާއި އެފަދަ ކަންކަމަކީ އޭނާ ހިއްވަރުދެއްވާނެ ކަންކަން ނޫން ކަމަށް ވިދާޅުވިއެވެ. އަބަދުވެސް ކޮރަޕްޝަންއާ ދެކޮޅަށް ވަކާލާތު ކުރައްވާނެ ކަމަށާއި އަދި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.