މިދިޔަ މަހު ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ކުރީގެ ގާޒީ އަލީ ސަމީރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފިއެވެ.

ޑެޕިއުޓީ ޕީޖީ މަގާމަށް ސަމީރު އައްޔަނު ކުރައްވާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައިވާ ގޮތުން:

  • ޑެޕިއުޓީ ޕީޖީގެ މަގާމަށް މީހުން އައްޔަނު ކުރަނީ ސީދާ ޕީޖީ
  • އެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން، ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ނުވަތަ ޕީޖީ މަސްއޫލިއްޔަތު އަދާކުރަން އުޒުރުވެރި ވެއްޖެ ނަމަ، ޕީޖީގެ ބާރުތަކާ ވަގުތީ ގޮތުން ހަވާލުވާނީ ޑެޕިއުޓީ ޕީޖީ

ސަމީރު ވަނީ ގާނޫނީ އަދި ޝަރުއީ ދާއިރާއިން އަލް އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދެ ބޭފުޅުން ވަނީ މީގެ ކުރިން އެއްކޮށް މަސައްކަތްވެސް ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 އަހަރު ހޭދަ ކުރެއްވުމަށް ފަހު ސަމީރު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ 17 ގައެވެ. އޭގެ އިތުރުން ސަމީރު ވަނީ ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭގެ އިތުރުން އޭނާ އަދާކުރެއްވި އިތުރު ބައެއް މަގާމުތަކަކީ:

  • މަދަނީ ކޯޓުގެ ގާޒީ
  • މަދަނީ ކޯޓާއި ސިވިލް ކޯޓުގެ އިސްގާޒީ

އަލީ ސަމީރުގެ އިތުރުން، ދެން ޑެޕިއުޓީ ޕީޖީގެ ގޮތުގައި ހުންނަވާނީ މަހްމޫދު މަހްމޫދު ސަލީމެވެ.