ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު އެވޯޑު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މި އަހަރު އެވޯޑުތައް ތައާރަފްކުރުމަށް ނިންމައި މީޑިއާ އަށް ހިއްސާކުރި މައުލޫމާތުގައި އެ މިނިސްޓްރީން ބުނީ، 12 އެވޯޑަކަށް ހަތަރު ކެޓަގަރީއަކުން ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓުހައުސްތަކުގެ އިތުރުން، ސަފާރީ ފަދަ އުޅަނދު ފަހަރުން އެ އެވޯޑުތަކަށް ނަންތައް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމަށް ހާއްސަކޮށް ތައާރަފްކުރި 12 އެވޯޑު

  • އެވޯޑް ފޯ ސްޓާފް އެކޮމޮޑޭޝަން
  • އެވޯޑް ފޯ ސްޓާފް މީލްސް
  • އެވޯޑް ފޯ ސްޓާފް ރެކްރިއޭޝަން / އެންޓަޓެއިންމަންޓް
  • އެވޯޑް ފޯ ހެލްތް ކެއާ
  • އެވޯޑް ފޯ ސޭފް ވާކް އެންވަޔަރަމަންޓް
  • އެވޯޑް ފޯ ޕާޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
  • އެވޯޑް ފޯ ލޯކަލް ކަލްޗަރަލް ޕާފޯމާސް
  • އެވޯޑް ފޯ ލޯކަލް މިއުޒީޝަން
  • އެވޯޑް ފޯ ލޯކަލް ޑީޖޭ
  • އެވޯޑް ފޯ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
  • އެވޯޑް ފޯ ހަޔަސްޓް ނަންބާ އޮފް ފީމޭލް ސްޓާފް
  • އެވޯޑް ފޯ ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވާނެއެވެ.

އެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސް ނިމެންދެން ހުޅުވާލާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެއާއެކު މިނިސްޓްރީން ވަނީ އެ އެވޯޑުތަކާ ގުޅޭ ކްރައިޓީރިއާ ވެސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ކަމުން، އެކަން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ވަނީ ތަފާތު ހަރަކާތްތަކެއް ރާވައިފައެވެ.