ސްރީލަންކާގައި ހުސްވެފައިވާ ބޮޑުވަޒީރު ކަމުގެ މަގާމުން ދެން އެންމެ އަވަހަށް ފެނުން ގާތީ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނީލް ވިކްރަމަސިންހަ ކަމަށް ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މަސްދަރުތަކަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މިހާރު ކުރިއަށް ދަނީ ބޮޑުވަޒީރު ކަމަށް ރަނީލް އައްޔަން ކުރެއްވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަޝްވަރާތަކެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި ރަނީލް، ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށްވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ނިއުސްވަޔާ ލަންކާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ރަނީލްއަށް އަޣުލަބިއްޔަތު ކަށަވަރު ކުރެއްވުން ގާތް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)އިން ރަނީލްއަށް ތާއީދު ކުރާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގައި ކުރަމުންދާ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރަމުން ދަނިކޮށް، މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ އެކުގައިހެން އެ ގައުމުގެ މަސްރަހު ވަނީ އިންތިހާއަށް ހޫނުވެފައެވެ.

މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ފަހު ފާއިތުވީ ދެތިން ދުވަހު، ބޮޑުވަޒީރު ކަމުގެ މަގާމު ހުސްކޮށް އޮތް އިރު، އެ މަގާމަށް ދެން ވަޑައިގަންނަވާނެ ޝަހުސަކާ މެދު ސްރީލަންކާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ވަކި ގޮތެއް ނިންމޭ ގޮތް ނުވެފައެވެ.

ރަނީލް ވިކްރަމަ ސިންހައަކީ، ސްރީލަންކާގެ ކުރީގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ސަރުކާރުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.