ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިލިމާލޭގައި އޮތް ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކަތައް ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެމްއެއާރްއެމް އިން ގޮވާލައިފިއެވެ.

އެ ޕާޓީން މިގޮތަށް ބުނެފައި ވަނީ ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

ރައީސް މައުމޫން ޖަލަށްލާން ނިންމީ ސީދާ ކުރީގެ ރައީސް ޔާމީން ކަމަށް ވިދާޅުވުމާ ގުޅިގެން މައުމޫން ޒައީމްކަން ކުރައްވާ އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށެވެ.

"އެހެންކަމުން މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެއް"
އެމްރާއެމް

އެމްއާރްއެމް އިން ވަނީ ރައީސްގެ މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން ދެންވެސް ވެރިކަން ލިބިއްޖެނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގު މުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.

އެގޮތުން ރައްޔިތުންގެ ކުރިމަތީ ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިހްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް އެމްއާރްއެމްއިން ބުނެފައިވެއެވެ.