އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކާ ބެހުނު މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައި ވަނިކޮށް، ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފަށައިފިއެވެ.

ކޯޓުން ކުރި އަމުރަކާ ގުޅިގެން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވަނީ މުހައްމަދު ބިޝާރު އިސްމާއީލް، ގ. ތަބުރުގެ / މާލެ (41އ) އެވެ.

ފުލުހުން ބުނީ، މުހައްމަދު ބިޝާރު އިސްމާއީލަކީ ކުޑަކުއްޖަކާ ބެހުނު މައްސަލައަކާ ގުޅިގެން، މީގެ ދެ އަހަރު ކުރިން ޖެނުއަރީ 19 ގައި ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގިތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި:

  • އެ މައްސަލައިގެ ޝަރީއަތް މިދިޔަ އަހަރުގެ މޭ 26 ގައި ކްރިމިނަލް ކޯޓަށް ބަދަލު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ބިޝާރު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވޭ
  • ނަމަވެސް ބަންދު މުރާޖައާ ކޮށްދިނުމަށް އެދުމުން ޝަރުތުތަކާ އެކު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި
  • އޭނާ ދޫކޮށްލުމާ ގުޅިގެން ޕީޖީން ވަނީ އެ އަމުރު އިސްތިއުނާފުކޮށްފައި
  • މިދިޔަ ޑިސެމްބަރުގައި ހައި ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދެމި އޮތް ކަމަށް ހުކުމްކޮށްފައި

އެހެންވެ، ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ބިޝާރު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، ނަމަވެސް އޭނާ ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، އޭނާ އާ ބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ކަސްޓަޑީ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.