ށ. ޅައިމަގުގެ "ކުރިމަގު" ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝަށް ނިސްބަތްވާ ލުތުފަރު، 2019 ވަނަ އަހަރުގެ އޭޕްރިލްގައި މަރާލި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުން މި މަހު ފަހުކޮޅު ނިންމާލާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިހެން ނިންމާފައިވަނީ އެ މައްސަލާގައި މިއަދު އޮތް ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ނަގަން ނިންމާފައި އޮތް ނަމަވެސް، ޓެކްނިކަލް މައްސަލައަކާ ހުރެ އެންމެ މީހެއްގެ ހެކިބަސް ނެގޭ ގޮތް ވުމުންނެވެ. އެ މައްސަލާގައި މިއަދު ހެކިބަސް ނަގަން ނިންމާފައިވަނީ:

  • ކުރިމަގު ބޯޓުގެ ކައްޕި އަލީ ޝަރީފް
  • އިތުރު ދެ މީހެއް
  • ޅައިމަގު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝަނޫން

އެހެންވެ، އެ މައްސަލާގައި މިއަދު ހެކިބަސް ނަގާފައިވަނީ ޝަނޫންގެ އެކަންޏެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ރޭ ކުރިމަގު ބޯޓު އޮތް ދިމާލުން ސިއްސައިގެންދާ ފަދަ ބާރު އަޑެއް އިވުނެވެ. ނަމަވެސް އެ އަޑު އިވުމުން، އެއީ ކޮން އަޑެއްތޯ ބަލަން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަތަރު މީހުންގެ އިތުރުން އެ މައްސަލާގައި ރިޕޯޓު ތައްޔާރުކުރި ފުލުހުންނާއި، އާންމުންގެ ފަސް މީހެއްގެ އިތުރުން، ބަންގްލަދޭޝްގެ ބައެއް އާންމުންވެސް ހެކިބަސް ދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މި މަހުގެ 24 އާއި 28 ގައި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ނިންމާލާނެ ކަމަށާއި، ހެކިން ހާޒިރު ނުކުރެވިއްޖެ ނަމަ، އެ ފުރުސަތެއް ދެން ނޯންނާނެ ކަމަށެވެ.

އެ މައްސަލާގައި ދިފާއުން ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެ ތިން މީހުންނަކީ:

  • އެމްޑީ އަކްތަރު ހޮސެއިން
  • އަލަމިން
  • ނޫރުލްއިސްލާމް

އޭގެ ތެރެއިން އުމުރުން 50 އަހަރުގެ އެމްޑީ އަކްތަރު ހޮސެއިން ވަނީ މިދިޔަ ނޮވެމްބަރު 18 ގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

ލުތުފަރު މަރާލީ އޭނާ އާ އެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން، އެކަމުގެ ނުރުހުމުގައި ކަމަށް އެ ތިން މީހުން ވަނީ ކުރިން ބުނެފައެވެ. އެގޮތުން ލުތުފަަރު މަރާލީ ބޯޓުގެ ތެރޭގައި އޭނާގެ ކަރުގައި ހިފައިގެން ކަމަށްވީއިރު، އޭނާ ވަނީ ދިފާއުވުމަށް ހަޅޭޢްވެސް ލަވައިފައެވެ.

އެ ތިން މީހުން ވަނީ ލުތުފަރު މަރާލި ކަމަށް މީގެ ކުރިން އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އެ ކުށަށް އެ މީހުން ވަނީ އިންކާރު ކޮށްފައެވެ.