އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ އައްސޭރިފަށުގެ ސަރަހައްދަކަށް ޑައިވަރެއް "ލެއްގި" ހާދިސާއާއި، އެ ސަރަހައްދުން އެތައް މިލިއަން ޑޮލަރެއްގެ މަސްތުވާތަކެތި ހުރި ޕެކޭޖުތަކެއް ފެނުނު މައްސަލަ، އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ލައްގާފައިވާ ޑައިވަރު އޮތް ސަރަހައްދުން ފެނުނު ކޮކެއިން ޕެކޭޖުތަކުގެ އަގު، 14 މިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހަބަރު ލިބެއެވެ.

އެންމެ ޒަމާނީ، މަތީ ފަންތީގެ ޑައިވިންގް އާލާތްތައް އެކުލެވޭ ޑައިވް ގިއަރުގައި އޮތް މީހާ އެންމެ ފުރަތަމަ ފެނުނީ ހޭނިތިފައި އޮއްވާ ކަމަށާ، އޭނާ މަރުވީ އޭގެ ފަހުން ކަމަށް އޮސްޓްރޭލިއާގެ ފުލުހުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައި ވާ އިރު، ލައްގާފައިވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަމަށް އިތުރު މީޑިއާއަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ލައްގާފައި އޮތް ޑައިވަރަކީ ބިދޭސީއެއް ކަމަށްވެސް ހަބަރު ލިބެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސަރަހައްދުގެ ގޮނޑުދޮަށަށް ލައްގާފައި އޮތް ޑައިވަރުގެ ހަށިގަނޑު ކައިރިން މަސްތުވާތެކެތި ހުރި ޕެކޭޖުތަކެއް ވަނީ ފެނިފައި / ފޮޓޯ: އެންބީސީ ނިއުސް

ޑައިވަރު އޮތް ސަރަހައްދުން 50 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައި ވާ އިރު، 2 ހާދިސާގެ ގުޅުމެއް ވޭތޯ ބަލަމުން ދާ ކަމަށް، ނިއު ސައުތު ވޭލްސް ޕޮލީސް ޑިޓެކްޓިވް، ސުޕްރިންޓެންޑެންޓް ރޮބާޓް ކްރިޗްލޯ ވަނީ ނޫސްވެރިންނަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ފުލުހުން އިތުރަށް ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދުގައި ބަނދަރު ކޮށްފައި އޮތް ބޭރުގެ ބޯޓު ކައިރީގައި، ކުޑަ 2 ބޯޓެއް ހަރަކާތްތެރިވި ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އަދި ގޮނޑުދޮށުގައި ޑައިވަރު މަރުވާން ދޫކޮށްލާފައި އޮތީ ކަމަށް ދޭހަ ވާ ކަމަށްވެސް އޮސްޓްރޭލިއާގެ ފުލުހުން ވަނީ އިޝާރާތް ކޮށްފައެވެ.

އޮސްޓްރޭލިއާގެ ފުލުހުން މިހާރު ވަނީ ބަނދަރު ކޮށްފައި އޮތް ބޯޓު ބަލާ ފާސްކޮށްފައެވެ. އަދި އެ ބޯޓު ކައިރީގައި ހަރަކާތްތެރިވި ކުޑަ ބޯޓުތައް ދެނެގަތުމުގައި އާންމުންގެ އެހީތެރިކަމަށްވެސް އޮސްޓްރޭލިއާގެ ފުލުހުން މިހާރު ވަނީ އެދިފައެވެ.