ހިޖުރަވެރިންނާއި ދެކޮޅު އޮއެވަރު ގަދަވެ، އިދިކޮޅު ޕާޓީތަކުގެ ޕްރެޝަރު ކިތަންމެ ބޮޑުވި ކަމުގައި ވީ ނަމަވެސް، ސޫރިޔާގެ ރެފިއުޖީން ތުރުކީވިލާތުން ބޭރު ނުކުރާނެ ކަމަށް، ތުރުކީވިލާތުގެ ރައީސް، ރަޖަބު ތޮއްޔިބު އުރުދުގާން ވައުދުވެވަޑައިގެންފިއެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތަކެއްގެ ގޮތުގައި 2011 ވަނަ ސޫރިޔާގައި ފެށި ހަމަނުޖެހުންތަކަށް ދާހިލީ ހަނގުރާމައަކަށް ބަދަލުވި ފަހުން، ތުރުކީވިލާތުގައި ހިޔާވަހިކަން ހޯދަމުންދާ ސޫރިޔާގެ ރެފިއުޖީންގެ އަދަދު، 3.6 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. ސޫރިޔާ ހަނގުރާމާގައި 4 ލައްކައެއްހާ މީހުން މަރުވެފައި ވާ އިރު، ގައުމުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކަން މިހެން އޮތް އިރު، ތުރުކީވިލާތުގެ ވެރިކަން ލިބޭތާ 2 އަހަރު ދުވަހުގެ ތެރޭގައި، ސޫރިޔާގެ ރެފިއުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ފޮނުވާލައްވާނެ ކަމަށް، ތުރުކީވިލާތުގެ މައި އިދިކޮޅު ސިޔާސީ ލީޑަރު ކެމާލް ކިލިޗްދަރޮގްލޫ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީވިލާތުގެ ފަސްގަނޑުގައި ހިމާޔަތް ހޯދި އަޚުން ދޫކޮށް ނުލައްވާނެ ކަމަށް އުރުދުގާން ވިދާޅުވިއެވެ. ތުރުކީވިލާތުގެ ފަސްގަނޑުން ސޫރިޔާގެ ރެފިއުޖީން ނުބާލާނެ ކަމަށާ، ސޫރިޔާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ. އަދި ގާތިލުންގެ އުނގަށް، ސޫރިޔާގެ ރެފިއުޖީން "ހޫރާނުލައްވާނެ" ކަމަށްވެސް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

ރެފިއުޖީންގެ މައްސަލާގައި ތުރުކީވިލާތުގައި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާ އިރު، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށްވެސް އެކަމުގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ.