އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެއް އާއިލާއެއްގެ 6 ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފް ކުރަން މާދަމާ ހައި ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކާއެކު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި އެ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއިއެކު ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފާވެއެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން މި ހާދިސާ ހިނގާފައިވާ ރަށާއި އަދި އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.