އެ މަންޒަރު ބަލާލި ކޮންމެ މީހެއްގެ ހިތަށް އެންމެ ފުރަތަމަވެސް ވެރިވެގެންދަނީ ބިރުވެރިކަމެކެވެ. ބިރުވެރި ފިލްމަކުން ނޫނީ ހަމަ ލޮލަށް އެފަދަ މަންޒަރެއް ނުފެންނަ ފަދައެވެ. މި ދައްކަނީ ޗައިނާގެ ސިޓީއެއް ކަމަށް ޖޯޝާންގެ އުޑުމަތި، ގަދަ ލޭ ރަތް ކުލައަކަށް ބަދަލުވެގެން ދިޔަ ވާހަކައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުންވެސް އެކަން ސާފުވެއެވެ. ނަމަވެސް ސާފު ނުވަނީ އެ ކަން މެދުވެރިވި ގޮތެކެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވަދެ، ނުތަނަވަސް ކަމުގެ ހާސްކަން، ފަޒާ ވަށާލިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި މަންޒަރުތަކަކީ "ރީތި" ނުވަތަ "ހިތްގައިމު" މަންޒަރުތަކެއް ކަމަށް ބައެއް މީހުން ބުނި ކަމުގައި ވީ ނަމަވެސް، "ދުނިޔޭގެ ނިމުން އައީ ކަމަށް" ބުނި ބަޔަކުވެސް އުޅުނެވެ. އަދި އިރުގެ ހަރަކާތްތައް ހުރި ގޮތުން އުޑުގެ ކުލަ، ގަދަ ރަތް ކުލައަކަށް ބަދަލުވާ ކަމަށް ބުނާ ޖަޕާނުގެ ދިރާސާއަކަށް ހަވާލާ ދިން ބަޔަކުވެސް އުޅުނެވެ.
ތަފާތު އެކި ގޮތް ގޮތަށް ބަހުސް ކުރަމުން ދަނިކޮށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބަސް ބުންޏެވެ.
ލޮކްޑައިންއެއްގައި އޮތް ޗައިނާގެ ވިޔަފާރި މަރުކަޒު ޝަންހާއީއާއި ދާދި ގާތުގައި އޮންނަ ޝިޖިއާން ޕްރޮވިންސްގެ ޖޯޝާން ސިޓީގެ އުޑުމަތީގެ ކުލަވަރު، ގަދަ ލޭ ރަތް ކުލައަކަށް ބަދަލުވީ އަލި ރިފްރެކްޓްވެ، ބެހިގެން ދިއުމުގެ ސަބަބުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. އަލި ރިފްރެކްޓް ވުމަކީ، ދެ ފުށް ފެންނަ އެއްޗެއްގައި ޖެހި، އަލި ބަނޑިވެގެންދާ ދިއުމަށް ސައެންސްގެ އިސްތިހާލުގައި ކޔާ އުޅޭ ނަމެކެވެ. އެހެންވީއިރު އެ ބަނޑިވީ ކޮން އައްޔެއް ހެއްޔެވެ؟ ރަތް ކުލަ އަރަންވީ ކީއްވެ ހެއްޔެވެ؟
ޖޯޝާންގެ މޫސުމީ ކަންކަމާ ބެހޭ އިދާރާއާ ހަވާލާދީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވަނީ، އަލި ރިފްރެކްޓްވެގެން އުޑުމަތީގެ ކުލަވަރު ބަދަލުވީ ކަމަށާ، އެ އައްޔަކީ ބަނދަރުގައި ހުރި ބޯޓުފަހަރުގެ އަލި ކަމަށެވެ.
މޫސުމާ ބެހޭ ބިއުރޯގެ މުވައްޒަފަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މޫސުން ރަނގަޅުވުމުން ވައިގެ ތެރޭގައި އެކުލެވޭ ފެނުގެ ޒަރިއްޔާއިން ސްޕްރޭ ތިކިތަކެއް އުފައްދައެވެ. އަދި މަސްބޯޓު ފަހަރުގެ އަލި އެ ތިކިތަކުގައި ޖެހި، އާންމުންނަށް ފެނުނު ގޮތަށް އުޑުމަތީގެ ކުލަ ބަދަލުކޮށްލައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކުރި ގޮތުގައި، މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ވަނީ، އެ ހާދިސާ ހިނގަން މެދުވެރިވީ އެ ކުންފުނީގެ މަސްބޯޓުތަކުން ކުރެ ބޯޓެއް ނުވަތަ ބޯޓުތަކެއްގެ އަލިން ކަމަށް އިއުތިރާފުވިކަމަށް ރިޕޯޓް ކޮށްފައެވެ.