ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ މި ރާއްޖޭގެ މާހައުލުގައި ހިތްގައިމުކަމާއެކު ޗުއްޓީ ހޭދަކޮށްލުމަށް ކޮންމެ މަހަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. ގިނަ ރިސޯޓްތައް ހައުސްފުލްވެ ރިސޯޓްވެރިންގެ ޖީބު ފުރާލަމުން އަންނަ އިރު، ރިސޯޓްތަކުން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަން ކުށްވެރިކޮށް އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މި ދައްކަނީ މޫދަށް ކުނި އެޅުމުގެ ސަގާފަތް ހުއްޓުވުމަށް ކުރި މަސައްކަތް މަޑުޖައްސާލައި މި އަހަރުގެ ނިޔަލަށް ރިސޯޓްތަކުން ކުނި އެޅޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމައި ފޮނުވި ސާކިއުލާއާ މެދު ދެބަސްވާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކެވެ.
ބުނެލާ ބަހަކުން ގާނޫނުން އުނިކުރި މާއްދާއަަކަށް އަމަލެއް ނުކުރެވޭނެ: އީޕީއޭ
ރިސޯޓްތަކުގެ ރެސްޓޯރަންޓްތަކާއި ބަދިގެތަކުން ދުވަހުން ދުވަހަށް އުފެދޭ ކާބޯތަކެތީގެ، ކުނި މޫދަށް އެޅުމަކީ ޓޫރިޒަމް މިނިސްޓްރީން 2006 ވަނަ އަހަރު ހެދި ގަވައިދަކުން ބާރު ލިބިގެން ކުރާ ކަމެކެވެ. އެކަން ހުއްދަ ކޮށްފައި އޮތީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގަވައިދު"ގެ ނަމުގައި އޮންނަ ގަވައިދަކުންނެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރާ ބައެއް ރިސޯޓްތަކުން ނާޖާއިޒް ފައިދާ ނަގައި ކަނޑަށް ކުނި އަޅާ މައްސަލަ މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އައީ އިތުރު ވަމުންނެވެ. އަދި އެފަދައިން ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު އައީ ޓޫރިޒަމް ދާއިރާއަށާއި ތިމާވެއްޓާ ބެހޭ އިދާރާތަކަށް ފާޑުކިޔަމުންނެވެ.
އެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް 2019 އިން ފެށިގެން ކުރަމުން އައިސް، މިހާރު ވަނީ އިސްލާހެއްގެ ގޮތުގައި އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އުވާލާފައެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި އިތުރު ބަދަލުތައް ވެސް ގަންނާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން ރިސޯޓް ވެރިންނަށް ކުރިމަތި ވެދާނެ ދަތިތަކާ ގުޅިގެން އެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާ އެކު ބަންދު ކޮޓަރީގައި ކުރެވުނު މަޝްވަރާތަކަކަށް ފަހުގައި ރިސޯޓުތަކުން އެއްވެސް ބާވަތެއްގެ ކުނި ކަނޑަށް ނޭޅޭ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން އަންނަ އަަހަރަށް ވަނީ ފަސް ކޮށްފައެވެ.
މި އަހަރުގެ ނިޔަލަށް ރިސޯޓްތަކުން މޫދަށް ކުނިއެޅޭނެ ކަމަށް ބުނެ ޓޫރިޒަމުން ނެރުނު ސާކިއުލާ އާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އިސްލާހަށް ބަދަލުތައް ގެނައުމަށާއި ލުއިތަކެއް ދިނުމަށް އެކި ފަހަރު މަތިން އެ އެޖެންސީއާ އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލަށް ގާނޫނަށް ގެނައި އިސްލާހު ތަންފީޒް ކުރުން ފަސްކުރުމާ ގުޅޭ ގޮތުން ޓޫރުޒަމުން ނިންމި އިރު އެކަމާ ގުޅިގެން އީޕީއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އެހެން ބުނެލާ ބަހަކުން ގާނޫނުން އުނިކޮށްފައިވާ މާއްދާއަކަަށް އަމަލު ކުރަން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ނައީމް ވިދާޅުވިއެވެ. އެހެންކަމުން ރިސޯޓްތަކުން މޫދަށް ކުނި އަޅާ ތަން ފެންނަ ނަމަ އެބައެއް ޖޫރިމަނާ ކުރާނެ ކަމަށް ނައީމް ވިދާޅުވިއެވެ. ގާނޫނުން ހުއްދަ ނުދޭ ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނިންމުމާ ކައުންސިލްތަކުން ވެސް ދެކޮޅު!
މި މައްސަލައިގައި ބައެއް އަތޮޅުތަކުގެ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ގޮތުން ވ.އަތޮޅުގެ ކައުންސިލްގެ ރައީސް ޝުޖާއު އަލީ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ވިދާޅުވީ، ރިސޯޓްތަކުން މޫދަށް ކުނިއަޅާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަަމަށާއި ކުނިއެޅުމަށް ހުއްދަދީ ދާދިފަހުން ޓޫރިޒަމުން ނެރުނު ސާކިއުލާ ކުށްވެރި ކުރައްވާ ކަމަށެވެ.
ރިސޯޓް އިހުތިސޯސްގެ ބޭރުވުމުން އެއީ އަތޮޅު ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށާއި އެ ސަރަަހައްދު އެއްވެސް ކަމަކަށް ބޭނުން ކުރެވޭނީ އަތޮޅު ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނަށް ބެލުމެއް ނެތި ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން ދީފައިވާ ހުއްދައަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރިސޯޓްތަކުން ކުނި އަޅާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބ.އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވީ، މިހާރު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށާއި އަދި އަތޮޅު ކައުންސިލުން ވެސް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވަނީ ފަށާފައި ކަމަށެވެ. އާންމުން ދިރިއުޅޭ ރަށްރަށުގައި މިފަދަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ވިޔަފާރީގެ ގޮތުގައި ހިންގާ ރިސޯޓްތަކުން ކުނި މެނޭޖް ކުރެވޭނެ ގޮތްތަކެއް ހަމަނުޖައްސާ މޫދަށް ކުނި އެޅުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އަފްރާހް ފާހަގަ ކުރެއްވިއެވެ.
އަދި އެ ގޮތުން ކުނި އެޅުމުން ބައެއް ފަހަރު އޮއެވަރު ހުންނަ ގޮތުން ރަށްރަށުގެ ގޮނޑުދޮށަށް ކުނި ލައްވެ އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. ތިމާވެށި ރައްކާތެރި ކުރުމަށްތަކައި އެއްބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އަނެއް ބަޔަކު ތިމާވެއްޓަށް ގެއްލުންވާ މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، ފަޅުރަށެއް ނަގައިގެން ރިސޯޓެއް ތަރައްގީ ކުރިއަސް ދަނޑުވެރިކަމަށް ރަށެއް ތަރައްގީ ކުރިއަސް އެ މަސައްކަތެއް ކުރަން ފަށާއިރު އުފެދޭ ކުނިތައް ނައްތާލެވޭނެ ނިޒާމެއް ޕަލޭން ކުރެވިފައި އޮންނަން ވާނެ ކަމަށެވެ. ރިސޯޓް ހިންގަން ލިބުމުން ލިބޭ ފައިދާއިން ވޭސްޓް މެނޭޖް ކުރެވޭނެ ފަދަ ގާބިލް ކަމެއް އެބައެއްގެ އަތުގައި ނެތިއްޔާ އެ ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ވެސް ދެވިގެން ނުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޫރިޒްމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން "ދަ ޕްރެސް" އަށް ވިދާޅުވީ، މޫދަށް ކުނި އެޅުމަކީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ މީހަކު ކުރިއަސް ގާނޫނާ ހިލާފް ކަންކަން ކޮށްގެން ނުވާނެ ކަމަށް އޭރު ވިދާޅުވިއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނިކޮށް ވެސް އެ ގާނޫނު ތަންފީޒު ކުރުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމީ "ބަންދު ކޮޓަރީގައި" ރިސޯޓްތަކުގެ ވެރިންނާ ބައްދަލު ކުރުމަށް ފަހު، ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް، ދެކެވޭ ވާހަކައާއި އަމަލާ ދިމާ ނުވާ ކަމާށް ބުނެ ގިނަބައެއްގެ ފާޑުކިޔުން މިއަދު ވަނީ އެ މިނިސްޓްރީއަށް އަމާޒުވެފައެވެ.
ގުދުރަތީ ރީތިކަމެއް ލިބިފައިވާ ޖަޒީރާވަންތަ މި ކުޑަ ގައުމުގެ އިގްތިސޯދު ބިނާވެފައި ވަނީ މަދު މަސައްކަތްތަކެއްގެ މައްޗަށް ވާއިރު، ޓޫރިޒަމަކީ މި ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އެންމެ ބޮޮޑު ނަފާއެއް ހޯދަމުންދާ ސިނާއަތެވެ. އަދުގެ ދުނިޔެއަށް "ނަލަނަލަ ރާއްޖެ" ނަމުގައި ރާއްޖެ ޕްރޮމޯޓްކޮށް މި ގައުމުގެ ރީތިކަން ދައްކުވައިދެމުން އަންނަނީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުގައެވެ. ނަމަވެސް ބޭރުފުށުން ކިތަންމެ ރީތިކަމެއް ފެނުނަސް ނުފެންނަ ފަށުގައި މުޅި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މޫދަށް ކުނި އަޅާ މައްސަލައަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ތިމާވެއްށީގެ ކަންކަމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ދުނިޔޭގެ ފެންވަރުގައި ރާއްޖެ ވަކާލަތު ކުރަމުން އަންނަ އިރު އެކި ކަންކޮޅުތަކަށް މި ގައުމު ސިފަ ކުރެވިފައި ވަނީ ތިމާވެއްޓަށް ލޯބިކުރާ، ގުދުރަތީ ރީތިކަމެއް ލިބިފައިވާ މުޅި ދުނިޔޭން ހޮވާލެވޭ، "ޕެރެޑައިސް އައިލެންޑް" އެއްގެ ގޮތުގައެވެ. މި ރާއްޖޭގެ ނަލަކަން ދެމެހެއްޓުމަށް ކުރާ އެތައް މަސައްކަތްތަކެއް، ބޮލާލާ ޖަހަމުންދާ ރިސޯޓްތަކަކީ މި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައިގެން ނަފާ ހޯދަމުން އަންނަ ބަޔަކަށް ވާއިރު، އެމީހުންނަށް މޫދަށް ކުނި ނާޅާ ކުނި ނައްތާލެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަކީ ސަރުކާރުން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމެކެވެ.
އާންމުން ދިރިއުޅޭ ރަށްރަށުން ކުނި މެނޭޖް ކޮށް މޫދަށް ކުނި އެޅުން ހުއްޓާލާފައި ވާއިރު، ވިޔަފާރިއަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފާ ބަޔަކަށް އެކަން ނުވެ، މިހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ވެރިން ވެސް ގަބޫލުކުރަން ޖެހެއެވެ. އަދި މިހާ ދިގުލައިގެން ދާ މި މައްސަލަ ހުއްޓުވުމަކަށް ނުގެނެސް އޮތުމަކީ ވަކި ބަޔަކަށް މަންފާއެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް ގެނެވޭނެ ތަނެއް ނޯންނާނެ ކަން ކަށަވަރެވެ. ހަމައެކަނި ކޮށްލާ އިސްތިހާރަކުން ރާއްޖެ ދެކެ ލޯބިވާ ދަރިއެއް ކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން އަތުކުރި އޮޅާލައިގެން ނިކުންނަ ދިވެހި ލޭ ހުރި ދަރީން ދައްކާ ވާހަކައަށް ބަދަލު ގެނެސްގެން ނޫނީ މިއަދު ފަރު ޖެއްސޭކަށް ނެތެވެ.
މައުސޫމްމެން ކަހަލަ ރިސޯޓު އޯނަރުން މިނިސްޓަރުކަމުގަ ތިބީމަ ވާނީ ތިހެން