މާލޭގައި އިޔާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް ގެތަކުގެ ފުރާޅުތައް ކުއްޔަށް ނަގައިގެން ފުރާޅުގައި ސޯލާ ހަރުކުރުމުގެ ވިސްނުން އެބަ އޮތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅު ވެއްޖެއެވެ.

ވީޓީވީގެ “ފަސްމަންޒަރު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެކަން ކުރާނީ އެ ފުރާޅުތައް ކުއްޔަށް ނައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަން ކުރައްވާނެ ގޮތުގެ ތަފްސީލް ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން އެ ފުރާޅުގައި އެކީ ސޯލާ ހަރުކޮށް އަވިން ހަކަތަ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ލިބޭ ހަކަތަ ސްޓެލްކޯގެ ގްރިޑާ ގުޅުވާލާނީ ކަމަށާއި ދެން ގޭ ވެރިފަރާތް ނުވަތަ އެ އިމާރާތެއްގެ ކަރަންޓު ބިލުން ކުއްޔަށް ނަގާ އަދަދު އުނިކުރާ ގޮތަށް ހަމަޖައްސާ ފަދަ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ގޭގޭގެ ފުރާޅުގައި ސޯލާ ޖެހުމުގެ ވިސްނުމުގެ އިތުރުން މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ އެ މަސައްކަތަށް އެންވާރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ކަމަށާއި މިހާރު ކިުރަމުންދާ މަސައްކަތަކީ އެކަމަށް ބިމެއް ހޯދުމުގެ މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގޮތުން މާލެ ސިޓީ ކައުންސިލާ ވާހަކަ ދެއްކުމާ ހަމައަށް މަސައްކަތްތައް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ ޕްކޭންތަކުގެ ވާހަކަ ދެއްކެވި ނަމަވެސް އެ މަސައްކަތް ސީދާ ފައްޓާނެ ތާރީހެއް ޝަރީފް ހާމައެއް ނުކުރައްވައެވެ.

މިދިޔަ އަހަރުތެރޭ ސްޓެލްކޯއިން އިފްތިތާހު ކުރި "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުން ދެނިވި ތަކެއްޗަށް ނޫނެކޭ ބުނުމުގެ މަގްސަދުގައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޕްރޮގުރާމުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާ، ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.