އެމްޑީޕީ އެތެރޭގެ އިންތިހާބު ވޯޓުލުން ކުރިއަށް ދާނެ ގޮތާއި އެ އިންތިހާބުގައި އަމަލު ކުރާނެ އުސޫލުތަކާއި ގައިޑްލައިނެއް އެ ޕާޓީން އާންމުކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން އާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ހަމަޖެހިފައިވާ އިރު، ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދާނެގޮތް އާންމުކުރަމުން އެ ޕާޓީން ބުނީ، އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެ ފާހެއް ދޭނެ ކަމަށާއި ނަމަވެސް ވޯޓުލާ މަރުކަޒުތެރޭގައި ހުރެވޭނީ އެއް މަންދޫބަކަށް ކަމަށެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޭ 2 ފާސް އެކި ފަހަރު އެކި މީހުންނަށް ބަދަލު ކުރެވިދާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. ނަމަވެސް އެ އަންނަ ބަދަލެއް އެ ވޯޓް ފޮށީގެ ވެރިޔާއަށް އަންގަންވާނެއެވެ.
މެއި 14 ވަަނަ ދުވަހު ވޯޓުލުން ފެށުމުގެ ކުރިން ވޯޓުލުން ކުރިއަށްދާ މަރުކަޒަކަށް ލިބުނު ވޯޓް ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުން ކުރިމަތީގައި ކަނޑާ ގުނައި އަދަދު އިއުލާން ކުރަންވާނެ ކަމަށް ވޯޓުލާ ދުވަހު އަމަލު ކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު މަރުކަޒުތަކުން އަމަލުކުރަން ޖެހޭ ގޮތްތަކުގެ ތެރޭގައި ވޯޓްލާން ދާ މީހާގެ ވަނަވަރު ކަށަވަރު ކުރުމަށް ފަހު ލިސްޓްގައިވާ އެމީހާގެ ސުވާރު ނަންބަރާއި، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އިއުލާން ކުރަންވާނެއެވެ. ހަމައެއާއެކު ވޯޓްލާ ކޮންމެ މީހެއްގެ ކަނާއަތުގެ ޝަހާދަތް އިނގިލީގައި ފާހަގަ ޖަހަން ހާއްސަ ކޮށްފައިވާ ގަލަމުން ދިގަށް ރޮނގެއް ޖަހަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.
ވޯޓް ލާ މަރުކަޒު ތެރޭގައި ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެއެވެ. އަދި އެ ކަރުދާސް އެހެން މީހުންނަށް ދެއްކުމަކީ ވެސް މަނާ ކަމެކެވެ. އަދި ވޯޓުލާން ދޭން ކަރުދާސްކޮޅު ހިފައިގެން އެ މަރުކަޒުން ބޭރަށް ދިއުމަކީ ވެސް މަނާކަމެކެވެ. މީގެ އިތުރުން ކެމްޕެއިން ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށާއި، ވޯޓުލާ ނިމުމުން މަރުކަޒު ތެރޭގައި މަޑުކުރުން މަނާ ވާނެއެވެ.
ވޯޓް ލަމުންދާ އިރު ގަޑިއަކު އެއްފަހަރު އެ ވަގުތާއި ހަމަޔައް ވޯޓް ލީ މީހުންގެ އަދަދު ވޯޓްލާ މަރުކަޒުން އިއުލާން ކުރަންވާނެ ކަމަށާއި ވޯޓްލާ ނިމުމުން ވޯޓް ފޮށި ބަންދުކުރާތާ 15 މިނިޓް އަށް ފަހު ވޯޓްފޮށި ގުނަން ފަށަން ވާނެއެވެ. އަދި ވޯޓު ގުނުން ފެށުމުގެ ކުރިން ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އަދި މޮނިޓާ ކުރާ މީހުން އާންމު މެންބަރުންނަށް ތަނުގެ ޖާގަ އޮތް ވަރަކުން ފުރުސަތު ދޭންވާނެ ކަމަށް ވެސް އެ އުސޫލުތަކުގައި ބުނެއެވެ.
މި އިންތިހާބުގައި ވޯޓް ފޮށީގެ އޮފިޝަލުން، ކެންޑިޑޭޓުންގެ މަންދޫބުންނާއި މީޑިޔާގެ ފަރާތްތަކުން އޮބްޒާވް ކުރަން ތިބޭ އިރު ފޯނު ބޭނުން ކުރެވޭނެއެވެ. ނަމަވެސް ކެމްޕެއިން ކުރުމަށް އެއްވެސް ފަރާތަކަށް ފޯނުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ.