އިދިކޮޅު ޕީޕީއެމް ތަމްސީލް ކުރައްވާ ވިލިމާލޭ ކައުންސިލަރު އަދި އެ ޕާޓީގެ ކައުންސިލް މެންބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ އާމިނަތު ލީލާ އެ ޕާޓީން ވަކިކޮށްފިއެވެ.
ޕީޕީއެމުން އެ ދެ މައިންގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓު ފާތިމަތު ނާޒިމާއަށް އެންޓި ކެމްޕެއިން ކުރާ ކަމަށާއި، އިދިކޮޅުން އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓު އާމިނަތު ޝީޒާ އަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރި ކަމުގެ ހެކި ހުރި ކަމަށް ބުނެއެވެ.
އޭގެ އިތުރުން، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް އަމިއްލަ ފޭސްބުކް އެކައުންޓުގައި ދޮގު ވާހަކަ ދައްކާފައިވާ ކަމަށާއި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ދޮގު ހަދައި، މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާފައިވާ ކަމަށް، އެ ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ.އަދި އެ ކަންކަން ކުރުމުގައި ނަހުލާ އަށް އެހީވުމަށް އޭނާގެ މަންމަ އާއި ކޮއްކޮވެސް މަސައްކަތްކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެހެންކަމުން، އެ މައްސަލަތައް ބެލުމަށްފަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމާފައިވަނީ ނަހުލާ އާއި ލީލާގެ މައްޗަށް އެ ކަންކަން ސާބިތުވެ، ދެ މައިން ޕާޓީން ވަކި ކުރުމަށެވެ. އެ ދެ މައިން ވަކިކުރަން ރޭ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމާފައިވާއިރު، ނަހުލާގެ ކޮއްކޮ މަރިޔަމް ނަފްހާ އަލީ ވަނީ އަމިއްލައަށް އެދިގެން ވަކިވެފައެވެ.
މީޑިއާތަކަށް ރޭ ފޮނުވި މެސެޖުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ނަހުލާގެ ދެ މައިން އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމައި، ކޮމިޓީގެ ފަރާތުން އެކަން އެނގުމާއެކު، އެ ދެ މައިން ވަކިކުރިކަން މިހާރު ވަނީ އަންގާފައި ކަމަށެވެ.
މީގެ ކުރިންވެސް ނަހުލާގެ ބައެއް މައްސަލަތައް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވި މައްސަލައެއް ފެންމަތިވިއިރު، އެ މައްސަލާގައި ޕާޓީގެ ހަރަކާތްތަކުން އޭނާ ހަ މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް ޔާމީންގެ އެންގެވުމަކަށް އެ މައްސަލަ އަލުން ބެލުމަށްފަހު ސުލޫކީ ކޮމިޓީން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.