ވައިގެ މަގުން އައި ފަތުރުވެރިއެއްގެ އަތުން 4.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ވައިގެ މަގުން އައި ފަތުރުވެރިއެއްގެ ފޮށިތައް ބަލައި ފާސްކުރަމުން ދަނިކޮށް މަސްތުވާތަކެތި އަތުލައިގެންފައިވަނީ ޝައްކު ކުރެވޭ އެއްޗެއް ހުރުމުން އިތުރަށް ފާސްކުރުމަށް ފަހުގައެވެ.

އެ ތަކެތި އަތުލުމަށްފަހު ކުރި ޓެސްޓުތަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން އިތުރަށް ބުނީ، އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އެ ދެ މީހުންނަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދެއް ޖަހައިފައެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ޕޯސްޓަލް މެދުވެރިކޮށް ރާއްޖެއަށް ވަނީ 1.3 ކިލޯގެ މެތަމްފެޓަމައިން އެތެރެކޮށްފައެވެ. އެ މައްސަލާގައި 18 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.