މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުން ހުއްޓުވުމުން އިންޒާރު ދިނުމަށްފަހު، ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މީހާއަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވަނީ މިދިޔަ ފެބްރުއަރީ 18 ގައި އެ ރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް ގޮސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުންނެވެ. އެ ރޭ އެ ފުލުހަށް އިންޒާރު ދިނުމަށްފަހު، ދެ މީހަކު ބައިވެރިވެގެން ވަނީ އެ ފުލުހުގެ ސައިކަލުގައި ރޯކޮށްލައިފައެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެ ތިން މީހުންނަކީ:

  • 22 އަހަރުގެ ފިރިހެނެއް
  • 27 އަހަރުގެ ފިރިހެނެއް
  • 31 އަހަރުގެ ފިރިހެނެއް

އޭގެ ތެރެއިން 27 އަހަރާއި 31 އަހަރުގެ މީހާ ދޫކޮށްލަން ކޯޓުން ހުކުމްކޮށްފައިވާއިރު، 22 އަހަރުގެ މީހާއަށް ވަނީ ފަސް ދުވަހުގެ ބަންދެއް ޖަހައިފައެވެ.

އެ މައްސަލާގައި މުދަލަށް ގެއްްލުން ދިން ކަމަށް ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ ދަށުން ޕީޖީން ދައުވާކޮށްފައިވަނީ މިލަދޫ، ފަތަގުމާގެ، އަބްދުﷲ ޝުހާދު އަހްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ފުލުހުގެ ސައިކަލުގައި ދެ މީހަކު ވެގެން ރޯކޮށްލާފައިވަނީ އެ ގެއަށް ވަދެއެވެ. ދެ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލަށް ޕެޓްރޯލް ހަމެއް އޮއްސާލައިފައެވެ. އަނެކަކު ސައިކަލުގައި ރޯކޮށްލީއެވެ.