ޓީޗަރުންގެ މުސާރަ ބޮޑުނުކޮށްދޭތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޓީޗަރުން ހިމޭން އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިމަހު 1 ވަނަ ދުވަހުުއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެމްއެންޔޫ އަދި އައިޔޫއެމްގެ ޓީޗަރުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ އެމްއެންޔޫ އަދި އައިޔޫއެމް ޓީޗަރުން ހަމަހިމޭން އިހުތިޖާޖެއް ކުރަމުން ދާއިރު މި އިހުތިޖާޖުގެ ހުރިހާ ބައިވެރިން ވެސް ތިބީ ކަޅު ކުލައިގެ ހެދުން ލައިގެންނެވެ.
މިގޮތުން ބައިވެރިން އަންނަނީ އެމީހުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ޔުނިވާސިޓީ މުވައްޒަފުން ބާކީ ނުކޮށްލުމަށް ވެސް ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
ސްކޫލް ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައި ވާއިރު ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:
ޓީޗަރުގެ މުސާރަ:
- ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
- ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
- ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.
ޕްރިންސިޕަލުންގެ މުސާރަ:
- ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
- ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
- ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)
ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ލީޑަރުން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޓީޗަރުންގެ އިހުތިޖާގަ ގުޅިގެން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް މީގެ ކުރިން ފިނޭންސުން ބުނެފައި ވަނީ، އެ ޓީޗަރުންގެ މުސާރަވެސް ބޮޑުވާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަން ވާނެ ތާރީހެއް ބުނެދޭން ނޭނގޭ ކަމަށެވެ.