އެންމެ ގަޔާވާ ސީރީޒްގެ އެޕިސޯޑަކު ފުލު އެޕިސޯޑެއް ބަލަން، ރޭގަނޑުގެ އެންމެ އަރާމު ވަގުތުތައް، ލޮލު ފިޔައެއްވެސް ނުޖަހާ ޓީވީ ކުރިމަތީގައި ގުރުބާން ކުރުމަށްފަހު، ދެން އަލިވިލޭ ދުވަހު ރުންކުރުވާގޮތް ވޭ ހެއްޔެވެ؟ އާންމުކޮށް ހަޅޭއްލާ ނުއުޅޭ މީހަކާ ދިމާއަށް ހަޅޭއްލަވާ ހެދުނު ހެއްޔެވެ؟ އާންމުކޮށް މާޔޫސް ނުވި ކަމުގައި ވީ ނަމަވެސް، ދުނިޔެއަކީ ސުންޕާތަނެއް ކަމަށް ހީކުރެވޭ ފަހަރު އައި ހެއްޔެވެ؟
އެ ހުރިހާ ޖަޒުބާތަކަށް ލުއި ފަސޭހަ ހައްލެއް އެބައޮތެވެ. ނިދަން ދާށޭ ބުނެ، މި ލިޔުން ކުރެވެސް ކޮށްލެވިދާނެއެވެ. އެކަމަކު، ދެން ބުނަން އޮތް ވާހަކައެއްގެ ޝައުގު ބޮޑުކަމުން، އެކަން އެހެން ކުރާކަށް ނެތީމެވެ.
ހެނދުނު ގަޑީގެ ބޮޑާ ހޭކުންތަކުގެ އަސްލަކީ ހަމަ ނިދި ނުލިބުން ކަމީ މުޅިން އާ ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް ސައެންސްވެރިން މި ވަނީ މި ރޮނގުން ދިރާސާއެއް ކޮށް، ހޯދުންތަކެއް ދެނެގަނެފައެވެ. އެގޮތުން، ހަމަ ނިދިން މަހްރޫމު ވުމަކީ، ތިބާއަށް އަނެކާ ފެންނަ ގޮތް ބަދަލުވާ ކަމެއް ކަމަށް، ހޯދުންތަކުން ވަނީ ދެނެގަނެވިފައެވެ.
ސްވީޑަންގެ އަޕައްސަލާ ޔުނިވާސިޓީއިން ދިރާސާގެ ބޭނުމަށް 45 މެންބަރުންގެ 2 ގުރޫޕު އެކުލަވާލިއެވެ. އެއް ގުރޫޕަށް، 8 ގަޑިއިރު ނިދާނެ ފުރުސަތު ދިން އިރު، ދެން އޮތް ގުރޫޕު، ރޭގަނޑުގެ ނިދިން މަހްރޫމު ކުރިއެވެ.
ކޮންމެ ގުރޫޕެއްގައި ހިމެނުނު ކޮންމެ ބައިވެރިއަކަށްވެސް، ތަފާތު އެކި ޝުއޫރުތަކާއި ޖަޒުބާތުތައް ބަޔާންކޮށްދެނިވި އިހުސާސްތައް ފާޅުވާ، އެކި މީހުންގެ ފޮޓޯޓަކެއް ދެއްކިއެވެ. އެ ފޮޓޯތަކަށް ބައިވެރިން ބަލާ ގޮތް ދެނެގަތުމަށް އައި ސެންސިންގް ޓްރެކާތަކެއް ބޭނުން ކުރިއެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ހަމަ ނިދިން މަހްރޫމު ކުރި ގުރޫޕުން، ފޮޓޯތަކުގައި ވާ ޖަޒުބާތާއި އިހުސާސްތަކަށް މާ ރަނގަޅަށް ބަލާފައެއް ނުވެއެވެ. އަދި ފޮޓޯތަކުން ފެނުނު މީހުންނާ މެދު ގަޔާވުމުގެ އަސަރުވެސް ކުޑަ ކަމަށް ފާހަގަ ކުރެވުނެވެ. ރަނގަޅަށް ފޮޓޯތަކަށް ނުބެލުމުގެ ސަބަބުން، ހިނިތުންވުމާއި ރުޅި އައުން ފަދަ އިޖުތިމާއީ ޖަޒުބާތުތައް ދެނެގަތުމަށް، ނިދިން މަހްރޫމުވި ގުރޫޕަށް އޮޅުން އެރިއެވެ. މިއީ އާންމު ދިރިއުޅުމަށް ބަލާއިރު، އަނެކާއާ މުހާތަބު ކުރުމުގައި ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ.
ނުރަނގަޅުކޮށް ނުވަތަ މާ ލަހުން އަނެކާގެ އިހުސާސްތަކާއި ޖަޒުބާތުތައް ފަހުމް ވުމަކީ އިޖުތިމާއީ ގުޅުމުގެ މޭރުމުން ވިސްނާއިރު ނުރައްކާ ބޮޑު ކަމެކެވެ. މި ދިރާސާ އާންމު ކޮށްފައި ވަނީ ނޭޗާ އެންޑް ސައެންސް އޮފް ސްލީޕް ޖާނަލްގައެވެ.