އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް މިއަދު ހަވީރު ފުރައިފިއެވެ.

އިންޑިއާއަށް ފުރި މި

"ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް" އިން، މި މަހުގެ 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްގައި މިއަދު ރާއްޖެއިން ފުރި 40 މީހުންގެ ޓީމްގައި، މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖްމަންޓް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

މި ޕްރޮގްރާމްގައު އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭ ގޮތުންނާއި، އިގްތިސޯދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ސިވިލް ސާވިސްގެ ދާއިރާ އާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރެވިގެންދާ ގޮތަށެވެ.

މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާގައި ހޭދަކުރާނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. އެ އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދާނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަގާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ގައުމުގެ ސަގާފީ ހަރަކާތްތަކެއް ދައްކައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލް ކަން އިތުރު ކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރި އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 11 ވަނަ ބެޗެވެ. މި ވަފުދުގެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ސަމީރެވެ.