ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގުވާހަކައެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ދެކެވޭ ދޮގު ހަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖުތަމައުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެއް ކަމަށެވެ.

ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ގުރުބާނީގެ ރޫހް ނަހަމަގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް:

  • މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް
  • ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް
  • ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަމާބުދުގެ ސަރަހައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް

މިނިސްޓްރީން ބުނީ މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީހާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބިދައްކައިދޭ ދިވެހިވަންތަކަމުގެ ރަމްޒެއް ކަމަށެވެ. އެހެންކަމުން މި ކަންކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޒަމާނުއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ނ. ލަންދޫ މާބަދިގެ ސަރަހައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަހައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.