އިންޑިއާ އައުޓް ބާރުކޮށް މިލިޓަރީ ސިފައިން ބާލަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ވިލިމާލޭގައި ހުންނަ ސިފައިންގެ މަރުކަޒެއް ކަމަށްވާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގައި އިންޑިއާ ސިފައިން ތިބޭ ދުވަސްކޮޅު ގެރިމަސް ކެއުން މަނާކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވަނިކޮށެވެ.

އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ވިދާޅުވީ، ގައުމިއްޔަތު ނެތިކޮށް މިނިވަންކަން ކޮމްޕްރޮމައިޒް ކޮށްފައިވާ ކަމަށެވެ.

ދުވަސްކޮޅަކުން ބުނާނެ އިންޑިއާ ސިފައިން އައިސް އުޅޭ ދުވަސްވަރު ބަންގީގެ އަޑު ނީވޭ ގޮތަށް އަމަލުތައް ބަހައްޓަން. މިހާރު އެދަނީ މިސްރާބަށް. އިންޑިއާ އައުޓްގެ އަޑު ބާރުކޮށް މިލިޓަރީ ސިފައިން ބާލަންޖެހޭ،
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް ވަނީ ފުޅާ ކޮށްފައެވެ.

ސަރުކާރުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރައްވަމުން ގެންދާއިރު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ކަމަށް މީގެ ކުރިން ވެސް ރައީސް ޔާމީންވަނީ އެތައް ޕޯޑިއަމްއެއްގައި ވިދާޅުވެފައެވެ.