ވިލިމާލޭ ދާއިރާގެ މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި އެންޓި ކެމްޕެއިން ކުރާކަމަށް ތުހުމަތުކޮށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްގެ މެންބަރު ނަހުލާ އަލީއާއި އޭނާގެ މަންމަ އާމިނަތު ލީލާގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށް ޕީޕީއެމްއިން ބުނެފިއެެވެ.

ޕީޕީއެމްއިން ބުނީ ރޭގެ ވަގުތެއްގައި ނަހުލާގެ ފޭސްބުކް އެކައުންޓްގައި އެ ޕާޓީއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ދައްކާފައި ވަނީ ދޮގު ވާހަކަތަކެއް ކަަމަށާއި އެ ވާހަކަތައް ފަތުރަން ފަށާފައި ވަނީ ވިލިމާލޭ ދާއިރާ މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި އެޕާޓީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.

މީގެ އިތުރުން ނަހުލާ އެ ޕާޓިގެ ރައީސްގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދަވާކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން އިތުރަށް ބުނީ އެކަންކަން ކުރުމުގައި ނަހުލާއާއެކު އޭނާއަށް ވާގިވެރި ވުމުގައި އޭނާގެ މަންމަ އާމިނަތު ލީލާ، އާ ގުޅޭ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީވެސް ޕާޓީން ވަކިވެފައި ވާ ކަމަށެވެ.