މާލޭ ސިޓީ ކައުންސިލްގައި އިދިކޮޅު ޕީޕީއެމް ތަމްސީލު ކުރައްވާ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އެ ޕާޓީން ވަކިކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ޕީޕީއެމްގެ މެންބަރުކަމުން ނަހުލާ ވަކިކުރި ކަމަށް ރޭ ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ނަހުލާ ވިދާޅުވީ، ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ވިލިމާލެ ދާއިރާއަށް ނަމެއް ހުށަހެޅުމުން، އެ ނަން އަނބުރާ ގެންދިއުމަށް ވަނީ އަންގާފައި ކަމަށާއި، ނަމަވެސް އެ ނަން ނުނެގުމުން، ކެންޑިޑޭޓު ލައްވައި ނަން ނަގުވައި ޓިކެޓު ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ބޭނުންފުޅުވާ ކެންޑިޑޭޓަށް ކަމަށެވެ.

އެ ކެންޑިޑޭޓުގެ ނަން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައި، އެ ކެންޑިޑޭޓަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ނުވެއްޖެ ނަމަ، ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދެމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިލިމާލެ ޑަބްލިއުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ވަނުމާ އެކު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ކެންޑިޑޭޓަށް ކާމިޔާބު ނުވެއްޖެ ނަމަ އަޅުގަނޑު ޕާޓީން ވަކިކޮށްފަ ނޫނީ ހުއްޓާނުލާނެ ކަމަށް ހުޅުމާލެ ދާއިރާ ކައުންސިލަރު އަންނަނީ ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުދީ ބިރު ދައްކަމުން."
ނަހުލާ އަލީ / ވިލިމާލެ ދާއިރާގެ ކައުންސިލަރު

ނަހުލާ ވިދާޅުވި ގޮތުގައި އޭނާއަށް އިންޒާރު ދެމުން ދަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މުވައްޒަފުންގެ ވެސް ކުރިމަތީގައި ކަމަށާއި، އެ މައްސަލަ ވާނީ މިހާރު ޕީޕީއެމްގެ އިސްވެރިންނަށް ހުށަހަޅުއްވާފައެވެ. އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް އެ ވާހަކަ ވާނީ ދަންނަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދަށް އަދި ޝުޖާއު އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ދެ ބޭފުޅުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ނަހުލާ ޕަޓީން ވަކި ނުކުރާ ކަމަށް އެސްޖީ މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ.

އަދި މާލޭ މޭޔަރު ވިދާޅުވީ، ރަށުން ބޭރުގައި ކަމަށާއި ފަހުން ގުޅުމަށެވެ.